28 ނޮވެމްބަރ 2023 - 11:12

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ތުރުކީއަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިން ވެސް ވަނީ ކާޑު ލިމިޓްގެ ސަބަބުން ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވައި އެ މައްސަލަ ހައްލުކޮށްދިނުމަށް އެދިފަ އެވެ.
ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބީއެމްއެލް އިން މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް
ހައްލެއް ހޯދަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ރިޔާސީ ކެމްޕެއިންގައި އޭރުގެ އިދިކޮޅުގެ ކެންޑިޑޭޓް މުއިއްޒު ވިދާޅުވެފައިވަނީ ކާޑުގައި ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމުން އެތައް ބަޔަކަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންވެ އެ ލިމިޓް އޭނާގެ ވެރިކަމެއްގައި އުވާލާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އެކަން ކުރާނީ މަރުހަލާތަކެއްގެ ތެރެއިން ކަމަށާއި ފުރަތަމަ ތިން މަހު ލިމިޓް ޑަބަލްކުރުމަށް ފަހު، ދެން އެއްކޮށް ލިމިޓް އުވާލާނީ ކަމަށް އޭރު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަން ކުރާނީ ރާއްޖޭގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކޮށްގެންނެވެ.
މީގެއިތުރުން ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ނެތުމުން ދިމާވާ ދަތިތައް ވެސް ބައްދަލުވުމުގައި ބައިވެރިވި ދިވެހިން ވަނީ ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަންނަ ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލުކުރައްވައި ވިޔަފާރީގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާތައް ކުރެއްވި އެވެ.