27 ނޮވެމްބަރ 2023 - 20:35

ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ އާދައިގެ ހަނގުރާމަވެރި ނުވަތަ ސިޔާސީ ޖަމާއަތެއް ނޫން ކަމަށާއި، އެއީ ފަލަސްތީނުގެ މިނިވަންކަމުގެ ފިކުރެއް ކަމަށް، ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް ވެރިޔާ ޖޯސެފް ބޮރެލް މިއަދު ވިދާޅުވެއްޖެ އެވެ.
ބޮރެލް ވިދާޅުވި ގޮތުގައި އިޒްރޭލު ސިފައިން ވަރުގަދަ ހަމަލާތަކެއް ދީގެން ޣައްޒާ ސުންނާފަތިކޮށް، ފަލަސްތީނުގެ މުޖާހިދުންތަކެއް ޝަހީދުކުރި ނަމަވެސް، ހަމާސްގެ ފިކުރު ނައްތައެއް ނުލެވޭނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ މެދު، މިދިޔަ އަހަރުތަކުގައި އިޒްރޭލު ސަރުކާރުން އަމަލުކުރި ގޮތުން، ހަމާސްއަކީ އާދައިގެ ޖަމާއަތަކަށް ވުރެ، ރައްޔިތުންގެ މެދުގައި މާ ނުފޫޒު ގަދަ ޖަމާއަތަކަށް ވަނީ ބަދަލުވެފަ އެވެ.
އަދި މިއަދު ހަމާސް ޖަމާއަތަކީ ފަލަސްތީނުގެ މިނިވަން ފިކުރު ކަމުގައި ޣައްޒާގެ ގިނަ ބަޔަކު ދެކޭއިރު، ހަނގުރާމަ ކޮށްގެން ނުވަތަ މުޖާހިދުންތައް ޝަހީދުކޮށްގެން އެ ފިކުރު މަރައިލެވޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ. ބޮރެލް ވިދާޅުވި ގޮތުގައި ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ އިޒްރޭލުން ހިންގާ އަމަލުތަކަކީ، އަމިއްލަ ދިފާއުގެ އިމުން ބޭރުވެފައިވާ އަމަލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް މިހާރު އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި ޣައްޒާގެ އުތުރު ސަރަހައްދުން ފަލަސްތީނުގެ ރައްޔިތުންތައް ފައްސައިލުމަށް ފަހު، އެ ސަރަހައްދު އިޒްރޭލުގެ ބާރުގެ ދަށުގައި ބާއްވަން ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެ ސަރަހައްދުގައި އިޒްރޭލު ސިފައިން ތިބެން ވިސްނުމަކީ ގޯހެއް ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާނުލައިފި ނަމަ، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލަށް ދެން ކުރިމަތިވާނީ، މީގެ ކުރިން ކުރިމަތިނުވާ ފަދަ އިދިކޮޅު ހަރަކާތްތަކެކެވެ. އެހެންކަމުން، ދެ ފަރާތަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތަކީ، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުން ކަމަށް ބޮރެލް ވިދާޅުވި އެވެ.
ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ހަމަލާތައް ހަތަރު ދުވަހަށް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ ތިން ދުވަސް ފާއިތުވި އިރު، ދެ ފަރާތުން ވަނީ 175 އަސީރުން މިނިވަންކޮށްފަ އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ފެށި ހަނގުރާމައިގެ ހަމަލާތައް، މެދުކަނޑައިލީ 24 ވަނަ ދުވަހު (ހުކުރު)ގެ ހެނދުނު 7:00 ން ފެށިގެންނެވެ. ހަމަލާތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަލާތައް މެދުކަނޑާލާފައި އޮންނަ ހަތަރު ދުވަހުގެ ތެރޭގައި، ހަމާސް ޖަމާއަތުން އިޒްރޭލުގެ 50 ރަހީނުން މިނިވަން ކުރާނެ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ 150 އަސީރުން މިނިވަންކުރާނެ އެވެ.
އެގޮތުގެ މަތިން، މި އެއްބަސްވުމުގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 117 އަސީރުން މިނިވަންކޮށްފަ އެވެ. އަދި ހަމާސް ޖަމާއަތުން ވަނީ، އޮކްޓޫބަރު 7 ވަނަ ދުވަހު ރަހީނުކުރި މީހުންގެ ތެރެއިން 39 މީހަކު މިނިވަންކޮށްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުގެ ރައްޔިތުންނާއި އިޒްރޭލުގައި މަސައްކަތް ކުރާ ތައިލޭންޑްގެ މީހުންނާއި ފިލިޕީންސް މީހުން ވެސް ހިމެނެ އެވެ.
އަދި މިއަދުގެ ވަގުތެއްގައި ހަމާސް އިން އިޒްރޭލުގެ 11 މީހުން މިނިވަންކުރާނެ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ 33 އަސީރުން މިއަދު މިނިވަން ކުރާނެ އެވެ.