27 ނޮވެމްބަރ 2023 - 10:08

ރައްޔިތުންގެ މަޖިލީހުގައި މިހާރު މި ހިނގާ މި އަހަރުގެ ތިން ވަނަ ދައުރު ދަންމާލަން ނިންމައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވި ގޮތުގައި އަންނަ މަހުގެ 7 އާ ހަމައަށް މި ދައުރުގެ ޖަލްސާތައް ކުރިޔަށް ދާނެ އެވެ.
ދައުރު ދަންމާލަން ނިންމީ ބަޖެޓު ފާސްކުރުން ހިމެނޭ ގޮތަށް މުހިންމު މަސައްކަތްތަކެއް ހުރުމުން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"އެހެންވެ މިއަދު ވޯޓު ގަޑީގައި އެކަމަށް ވޯޓަށް އެހުން އޮންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ މި ދައުރުގެ ބޮޑުބައި ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވި އެވެ.
އެ މައްސަލަ ތާވަލު ނުކުރުމާއި މަޖިލީހުގައި އޮތް އިހުތިޖާޖުތަކާ ހެދި މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދެވުނެވެ. އަދި ދައުލަތުގެ ބަޖެޓު ހުށަހެޅުން ވެސް އޮތީ ހުއްޓިފަ އެވެ.
ނަމަވެސް ނަޝީދު އިސްތިއުފާ ދެއްވައި އެ މަގާމަށް އަސްލަމް އިންތިހާބު ކުރުމަށް ފަހު މިއަދާ ހަމައަށް އައިއިރު ކުރިޔަށް ގެންދިޔައީ ބަޖެޓުގެ މަސައްކަތެވެ.
އިއްޔެގެ ޖަލްސާގައި 51 މެންބަރުން ބަހުސް ކުރުމަށް ފަހު ވަނީ ބަޖެޓު ބަހުސް ނިންމާލައިފަ އެވެ. އަދި ކޮމިޓީގައި ދިރާސާ ކުރުމަށް ފަހު ތަޅުމަށް ގެނެސް އަލުން ބަޖެޓަށް ބަހުސް ކުރާނެ އެވެ.
މަޖިލީހުގައި އެހެން ބައެއް ބިލުތަކެއްގެ މަސައްކަތް ވެސް މިހާރު ކުރިޔަށް އެބަދެ އެވެ.