އަސީރުން ބަދަލުކުރުމުގެ ދެވަނަ މަރުހަލާ ނިމިއްޖެ
އަސީރުން ބަދަލުކުރުމުގެ ދެވަނަ މަރުހަލާ ނިމިއްޖެ

އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ގާއިމުކުރި އެއްބަސްވުމާ އެއްގޮތަށް، ދެ ފަރާތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ބަދަލުކުރުމުގެ ދެ ވަނަ މަރުހަލާ ރޭ މެންދަންވި ފަހުން ފުރިހަމަކޮށްފި އެވެ.

ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ފެށި ހަނގުރާމައިގެ ހަމަލާތައް، މި މަހުގެ 24 ވަނަ ދުވަހު ވަގުތީ ގޮތުން މެދުކަނޑައިލުމަށް ފަހު، ދެ ފަރާތުން ވަނީ އެބައެއްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ވަކި އަދަދެއްގެ އަސީރުން ރެޑް ކްރެސެންޓާ ހަވާލުކޮށްފަ އެވެ. ހަމަލާތައް މެދުކަނޑައިލީ 24 ވަނަ ދުވަހުގެ ހެނދުނު 7:00 ން ފެށިގެންނެވެ.

މި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަލާތައް މެދުކަނޑާލާފައި އޮންނަ ހަތަރު ދުވަހުގެ ތެރޭގައި، ހަމާސް ޖަމާއަތުން އިޒްރޭލުގެ 50 ރަހީނުން މިނިވަން ކުރާނެ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ 150 އަސީރުން މިނިވަންކުރާނެ އެވެ.

ހަމަލާތައް މެދުކަނޑައިލުމަށް ފަހު ހުކުރު ދުވަހު އެންމެ ފުރަތަމަ ހަމާސް އިން މިނިވަންކުރީ 24 ރަހީނުންނެވެ. އެއީ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އަތުލައިގެންފައިވާ 200 އަށް ވުރެ ގިނަ ރަހީނުންގެ ތެރެއިން، އިޒްރޭލުގެ 13 މީހަކާއި ތައިލޭންޑްގެ 10 މީހަކާއި ފިލިޕީންސްގެ މީހެކެވެ.

އެ ދުވަހު އިޒްރޭލުން މިނިވަންކުރި ފަލަސްތީނުގެ 39 މީހުންގެ ތެރޭގައި ހިމެނެނީ 24 އަންހެނަކާއި 15 ކުޑަކުދިންނެވެ. އިޒްރޭލުން މިނިވަންކުރި 39 މީހުންގެ ތެރޭގައި މީގެ 10-12 އަހަރު ކުރިން ހައްޔަރުކޮށް ޖަލަށް ލާފައިވާ މީހުންނާއި މީގެ އަށެއްކަ މަސް ކުރިން ހައްޔަރުކުރި ކުދިން ވެސް ހިމެނެ އެވެ.

އަސީރުން މިނިވަންކުރުމުގެ ދެ ވަނަ މަރުހަލާގެ ދަށުން މި މަހުގެ 25 ވަނަ ދުވަހު ވެސް އިޒްރޭލުން މިނިވަންކުރީ ފަލަސްތީނުގެ 39 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނަކާއި 33 ކުޑަކުދިންނެވެ. ދެ ވަނަ މަރުހަލާގައި ހަމާސް ޖަމާއަތުން މިނިވަންކުރީ އިޒްރޭލުގެ ހަ އަންހެނަކާއި ހަތް ކުޑަކުއްޖަކާއި ތައިލޭންޑްގެ ހަތަރު މީހެކެވެ.

ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، މިސްރާއި ޣައްޒާ ގުޅޭ ރަފަހް ބޯޑަރު ހުރަސްކޮށް އިންސާނީ އެހީތެރިކަމުގެ ސާމާނުތައް މިހާރު ވަނީ ޣައްޒާ އަށް ފޮނުވަން ފަށައިފަ އެވެ. އެ ގޮތުން ކާބޯތަކެއްޗާއި އަންނައުނާއި ރަޖާ އަދި ސިއްހީ އެހީގެ ސަމާނާއި ޕެޓްރޯލާއި ޑީސަލާއި ކައްކާ ގޭސް ވެސް މިހާރު ވަނީ ޣައްޒާ އަށް ފޮނުވަން ފަށައިފަ އެވެ.

ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށް ހަމާސް އިން ފުރިހަމަ އަށް އިހްތިރާމްކުރި ނަމަވެސް، މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ވަނީ އެތައް ފަހަރަކު، އެއްބަސްވުމާ ޚިލާފުވެފަ އެވެ. އެ ގޮތުން އިޒްރޭލުން ވަނީ، ޣައްޒާގެ އުތުރުން ފައިބައިގެން ދިޔަ އާންމު ރައްޔިތުން އެ ސަރަހައްދަށް އެނބުރި ދާން މަސައްކަތް ކުރުމުން އެމީހުންގެ ގަޔަށް ބަޑިޖަހައި ދެ މީހަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފަ އެވެ.

އޭގެ އިތުރުން، ހަމަލާތައް މެދުކަނޑައިލުމަށް ފަހު ވެސް ޣައްޒާގެ މަތިން އިޒްރޭލުގެ ޖާސޫސީ ޑްރޯންތައް އުދުއްސުން ވެސް އިޒްރޭލުން ހުއްޓައެއް ނުލަ އެވެ. އެއްބަސްވުމުގައިވާ ގޮތުން، ހަމަލާތައް މެދުކަނޑައިލުމަށް ފަހު، އެއްވެސް ބަޔަކު އަނެއް ބަޔަކަށް، އެއްވެސް ބާވަތެއްގެ ހަތިޔާރަކުން ހަމަލާ ދިނުމާއި، ޣައްޒާގެ މަތިން އެއްވެސް އުޅަނދެއް އުދުއްސުން ވެސް މަނާވާނެ އެވެ.