ބީއެމްއެލް ރިވޯޑްސް ޕޮއިންޓަށް ގިފްޓް ވައުޗަރާއި އެއާލައިން މައިލްސް ދެނީ
ބީއެމްއެލް ރިވޯޑްސް ޕޮއިންޓަށް ގިފްޓް ވައުޗަރާއި އެއާލައިން މައިލްސް ދެނީ

ބީއެލްއެލް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމް "ބީއެމްއެލް ރިވޯޑްސް" އަށް ލޯކަލް ގިފްޓް ވައުޗަރާއި އެއާލައިން މައިލްސް އެކްސްޗޭންޖް އިތުރުކޮށްފި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ރިވޯޑްސް ޕޮއިންޓު ބޭނުންކޮށްގެން ގަތަރު އެއާވޭސް، އެއާ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސްތަކުގެ ފްރީކުއެންޓް ފްލެޔާ މައިލްސް ލިބޭނެ ކަމަށެވެ. އަދި ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން މެންގޯ، އެޑިޑާސް، މިނީސޯ، ތައިވޮކް، ކޮކޯ ޓްރީސް، ހަމީދިއާ އަދި ސޮނީ ސްޕޯޓްސް ފަދަ ރީޓެއިލް ފިހާރަތަކުގެ ވައުޗަރު ވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި ލޯޔަލްޓީ ޕްރޮގްރާމަކީ ރާއްޖޭގައި އެންމެ ކާމިޔާބުކަމާ އެކު ހިންގަމުންދާ އެއް ލޯޔަލްޓީ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގައި ފްލައިޓް، ހޮޓެލްސް، ގިފްޓް ކާޑުގެ އިތުރުން މިހާރު އެއާލައިން މައިލްސް ރިޑީމްކުރެވޭ ގޮތް ހަމަޖެހުމަކީ އެ ޕްރޮގްރާމަށް ލިބުނު އިތުރު ފުރިހަމަކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ބީއެމްއެލް ރިވޯޑްސްއަށް ރަޖިސްޓާކުރެވޭނީ އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓާކާޑުގެ ކްރެޑިޓް ކާޑު ގެންގުޅޭ ބީއެމްއެލް ކަސްޓަމަރުންނަށެވެ. މި ޕްރޮގްރާމަށް ރެޖިސްޓާކުރުމަށް ފަހު ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ޕޮއިންޓް ލިބޭނެ އެވެ.