26 ނޮވެމްބަރ 2023 - 00:35

ނޫސްވެރިކަމުގެ ހަޔާތީ އަރުތަ ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް "ދައުރު"ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ޓީވީއެމްގެ އަބްދުﷲ ރަމީޒަށް އަރުވައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އެވޯޑް މިރޭ ހާސިލްކުރި އަބްދުﷲ ރަމީޒަކީ މީގެ 40 އަހަރު ކުރިން "ކޯދު" މަޖައްލާ އިން ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. ރަސްމީ ވަޒީފާއެއްގެ ގޮތުން ނޫސްވެރިކަން ރަމީޒު ފެއްޓެވީ 1985 އަހަރު ދިވެހިރާއްޖޭގެ އަޑުގެ ރިޕޯޓަރެއްގެ ގޮތުންނެވެ. އަޑުގެ ގިނަ މަގާމުތަކެއް އޭނާ ފުރުއްވާފައިވެ އެވެ.
އޭގެފަހުން ޓީވީއެމްގެ ޑިރެކްޓާ އޮފް ނިއުސް، ކަރަންޓް އެފެއާޒްގެ މަގާމުގައި އޭނާ އަންނަނީ ހިދުމަތް ކުރައްވަމުންނެވެ. ރަމީޒު ކުރިން ވަނީ "އާފަތިސް" ނޫހުގައި ވެސް 20 މަސައްކަތް ކުރައްވައިފަ އެވެ.
މިރޭ ދެވަނައަށް އެ އެވޯޑް ހާސިލް ކުރެއްވި ހިރިގާ ޒާހިރު ނޫސްވެރިކަން ފެއްޓެވީ މީގެ 34 އަހަރު ކުރިން "ހަވީރު" ނޫހުންނެވެ. އޭގެފަހުން ސަން އޮންލައިންގެ ޗީފް އެޑިޓަރުގެ ގޮތުގައި 11 އަހަރު މަސައްކަތް ކުރެއްވި އެވެ.
މިވަގުތު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ "ދައުރު"ގެ މެނޭޖިން އެޑިޓަރުގެ ގޮތުގަ އެވެ. ޒާހިރަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި އެޑިޓާސް ގިލްޑްގެ ފައުޑިން މެންބަރެކެވެ. އަދި އެ ދެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާފައިވެ އެވެ.
ޒާހިރު ވަނީ ރިހި ގަލަމާއި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަދި ނޫސްވެރިކަމުގެ ގައުމީ އިނާމް ވަނީ ހާސިލް ކުރައްވާފަ އެވެ.