26 ނޮވެމްބަރ 2023 - 06:17

ސިޔާސީޕާޓީއެއް މުޒާހަރާކުރާތީ މާލޭގެ ބޮޑެތި މަގުތައް ބަންދު ދުވަހެކެވެ. ބޭނުންވި އެއްވެސް މަގަކުން ކުރިޔަށް ނުދެވުމުން ހަމްދާންގެ ސައިކަލު އަނބުރައިލީ ކުދި ގޯޅިތަކާ ދިމާއަށެވެ. ހަމްދާނަކީ ކުޑަ ސުޓޫޑިޔޯއެއްގެ ވެރިޔެކެވެ. ވީޑިޔޯ އެޑިޓަރެކެވެ. އާމުދަނީހޯދަނީ އިސްތިހާރާއި، ޑޮކިއުމެންޓްރީ ފިލްމު ހަދައިގެންނެވެ. ފަހަކަށްއައިސް މަސައްކަތެއް ވަަރަށް ނުލިބެއެވެ. ލިބޭ މަސައްކަތްތައް ވެސް ކޮށްދޭންޖެހެނީ ކުޑަ އަގެއްގައެވެ. ކެމެރާމަނާއި، އެހީތެރިޔާއަށް މުސާރަދީފައި، ތަނަށް ކުލިދެއްކޭ ވަރުވަނީ ކިރިޔާއެވެ. ނިމެމުންދާ މަހުގެ ކުލި އޭރު ވެސް ނުދެއްކެއެވެ. އެ ކަމަކާ ހެދި ހަމްދާން އުޅެނީ ތަން ކުއްޔަށްދިންމީހާއަށް ފިލައިގެންނެވެ. ނަސީމު ގުޅިޔަސް ފޯނެއް ނުނަގައެވެ. މެސެޖަކަށް ވެސް ޖަވާބެއްނުދެއެވެ. ކުޑަކޮށް ތިމާގެ މީހެއްކަމުން، ތަން އަތުލާކަށް ނަސީމަކަށް ނުކެރެއެވެ. އޭގެ ފުރިހަމަ ފައިދާ ހަމްދާން ނަގައެވެ.
ބައެއް މަގުތަކުން ނުގަވާއިދުން ދުއްވައިގެން އައިސް ޒޯނުގައި ހަމްދާން ސައިކަލު މަޑުކޮށްލިއެވެ. އޭރު ކުރިމަތިން ނަސީމު އަންނަ ތަން ފެނުނެވެ. އަނެއްކާ ސައިކަލު ނެރެގެން، މުޅީން އެހެން ދިމާއެއް ބަލަމުން އެ ތަނުން ސަލާމަތްވިއެވެ. އެއީ ދިރިއުޅުމެއް ނޫންކަން ހަމްދާނަށް އެނގެއެވެ. ނަސީމަށް ފިލައިގެންއުޅެއުޅެ ހަމްދާން ވަރުބަލިވެއްޖެއެވެ. އެހެނަސް، އަނެއްކާ ވެސް ހަމްދާން ޖެހޭނީ ސްޓޫޑިޔޯއަށް ދާށެވެ. ކުރަން ފަށާފައިހުރި މަސައްކަތްތައް ނިންމައިލެވިގެން ނޫނީ ދެނެއް ފައިސާއެއް ނުލިބޭނެއެވެ. މާލެވަށައި ބުރެއްޖެހުމަށް ފަހު އަނެއްކާ ވެސް ސުޓޫޑިޔޯއާ ދިމާއަށް މިސްރާބުޖެހިއެވެ. އެ ވަގުތު ފޯނެއްއައެވެ. ނުދަންނަ ނަންބަރަކުންނެވެ. ނަސީމު އެހެން ނަންބަރަކުން ގުޅަނީބާއޭ ހިތަށްއަރައިގެންއިނދެ ހަމްދާން ފޯނު ކަންފަތުގައި ޖައްސައިލިއެވެ.
"ހަލޯ!" ހަމްދާން ބުންޏެވެ.
އެއީ އުފާވެރި ފޯނެކެވެ. ހަމްދާނަށް ގުޅީ ވެލާކަހަނބު ހިމާޔަތްކުރާ އަމިއްލަ ޖަމިއްޔާއަކުންނެވެ. އެމީހުން ބޭނުންވަނީ ޑޮކިއުމަންޓްރީ ފިލްމެއް ހަދާށެވެ. ހުށައެޅި އަގު ވެސް ވަރަށް ރަނގަޅެވެ. މަސައްކަތް ފެށުމުގެ ކުރިން އަގުގެ ދެބައިކުޅަ އެއްބައި އެމީހުން ދެއެވެ. ކުޑަ މައްސަލައެއް އޮތެވެ. ހަފުތާއެއް ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ. ޝަރުތެއް ވެސް އޮތެވެ. ވެލާ ބިސްއަޅާ މަންޒަރު ފެންނަންޖެހެއެވެ. ވެލާ ނަށާ މަންޒަރު ބޭނުންކަމަށް ޝަރުތުކުރި ނަމަ، އެކަމަށް ވެސް ހަމްދާން އެއްބަސްވީހެވެ. ސަބަބަކީ، އަތްމަތި ދަތިކަމެވެ.
އެއްބަސްވުމުގައި ސޮއިކުރިއެވެ. އެ ދުވަސްވަރު ވެލާއަރަނީ ކޮން ތަނަކަށްތޯބެލީ ވެސް، ލިބުނު ލާރިކޮޅުން ތަނުގެ ކުލިދައްކާފައެވެ. ވެލާއަރާނެކަމުގެ ޔަގީންކަންދިނީ އެންމެ ރަށަކުންނެވެ. ވަގުތުން ދަތުރުހަދާލައިގެން އެ ރަށަށް ނައްޓައިލިއެވެ. އެ ތަޖުރިބާކޮށްފައިވާ އެކަކު ވެސް، އެ ތިން މީހުން ތެރެއަކު ނެތެވެ. އެހެނަސް، ތިން މީހުން ވެސް އެއްކަމަކަށް އެއްބަސްވިއެވެ. ވެލާ ބިސްއަޅަން ފެށުމުން އޭގެ މަންޒަރުކޮޅެއް ރިކޯޑުކޮށްލައިގެން އައީމައި ނިމުނީއެވެ. އެއީ މާ ބޮޑު ތަޖުރިބާއެއް ބޭނުންވާކަމެއް ނޫނެވެ.
ޖެހިގެންއައި ދުވަހު ހަމްދާންގެ ޓީމު ރަށަށް ދިޔައެވެ. ރަށުން އެ ކަމަށް އެހީވާން އެއްބަސްވި ޓީމުގައި ތިން މީހުން ތިއްބެވެ. ވަރަށް މުރާލި، ޝައުގުވެރިކަންހުރި ތިން ޒުވާނުންނެވެ. ލިބޭނެކަމަށް އެ މީހުން ބުނި ދޯންޏެއް ނުލިބުނެވެ. ލިބުނީ އިންޖީނުއެޅި ކުޑަ ބޮއްކުރައެކެވެ. އޭގައި ނުގުޑި ތިބޭ ނަމަ ފަސް މީހުންނަށް ތިބެވެއެވެ. ކެމެރާއާއި ސާމާނު އަރުވާނެ ތަނެއް ނެތެވެ. ސާމާނު އެރުވުމަށް ޓަކައި އޮތީ ޑިންގީއެވެ. ބޮއްކުރައަށް ވުރެ އެ ޑިންގީ ކުޑައެވެ. އެއަކު އިންޖީނެއް ވެސް ނެތެވެ. ޖެހެނީ ކަފުޖަހާށެވެ. ވެލާއަރާ ފަޅުރަށް އޮތީ ތިރީހަކަށް މިނެޓުން ދެވޭހައި ކައިރީގައެވެ. ރަށާއި ފަޅުރަށާ ދޭތެރޭގައި ވަރަށް ގަދަ އޮއިގަނޑެއް އޮވެއެވެ. މާ ފުނެއް ނޫނެވެ. އަޑި ފެނެއެވެ. ސާމާނުތަކަށް ލޮނުބުރައި ކަމެއް ވެދާނެތީ، ޑިންގީގައި އެކަކު ބައިންދަން ހަމްދާން ބޭނުންވިއެވެ.
ފަޅުރަށަށް ދިޔުމަށް ޓަކައި ދަތުރުފެށީ ރޭގަނޑު ދިހައެއްޖަހަން އުޅެނިކޮށެވެ. އުޑުމަތީގައި ފުސްވިލާ ހުރި ނަމަވެސް، މޫސުން ރީތި ރެޔެކެވެ. ހަނދުވަރުގެ އަލި ވެސް އެ ވަގުތު ހުއްޓެވެ. ފަޅުރަށް އޮންނަނީ، ހަމްދާންމެން ތިބި ރަށުގެ ފުއްޓަރުފަރާތާ ދިމާގައެވެ. ވީމާ، އެ ދިމާއަށް ބޮއްކުރާ މިސްރާބުޖެހިއެވެ. ވަރަށް މަޑު، އަމާން ދަތުރެކެވެ. އެހެނަސް، އެ ދިމާއަށް ނުކުުތުމާއެކު ބޮއްކުރާ ރޯލުކުރަން ފެށިއެވެ. އިންޖީނުގެ ސަބަބުން، ރޯލުވުން ތަންކޮޅެއް ކުޑަކޮށްދެއެވެ. އެއީ ނަސީބެކޭ ހިތަށްއެރި މީހަކު ވެސް ބޮއްކުރާގައި އިނެވެ. އަނެއްކޮޅުން، އެކަކަށް ވެސް ބިރެއް ނެތެވެ. ތިބީ ފަސް ފިރިހެނުންކަމަށް ވެފައި، އެންމެނަށް ވެސް ފަތަން އެނގޭތީއެވެ. ހަގީގަތުގައި އެއީ ހީއެކެވެ. ފަތަން ނޭނގޭ މީހަކު ހުރިތޯ ބެލިފައެއް ނެތެވެ. ދަތުރަށް އެރުމުގެ ކުރިން އެ ވާހަކަދެކެވިފައެއް ނެތެވެ. އެންމެން ވެސް ތިބީ ހަމަޖެހިފައެވެ. ވެލާ ބިސްއަޅާ މަންޒަރު ހަމަލޮލުން ދެކިލުމުގެ ފުރުސަތުލިބޭތީ އެ ކަމަށް ދަހިވެތިވެފައެވެ. ބޮއްކުރާ ދަތުރުކުރި ދިމާ ސާފުކަމުން އަޑިފެނެއެވެ. އަޑީގައި ވަރަށް ބައިވަރު، ބޮޑެތި މަޑި އުޅުނެވެ. މަޑިތައް ދަނީ ބޮއްކުރާ ކައިރިންނެވެ. އަތުޖެހޭ ހިސާބުގައި ކެމެރާ އޮތް ނަމަ، އަންވަރު އެ މަންޒަރުތައް ނެގީހެވެ. އަންވަރަކީ ކެމެރާމަންއެވެ. އަތްފޯރާ ހިސާބުގައި ކެމެރާ ނެތްކަމުގެ ހިތާމަ ހަމްދާން ވެސް ފާޅުކުރިއެވެ.
"އެ މަޑި، މީހުންނަށް އެޓޭކުކުރާނެތަ؟" ހަމްދާން އެހިއެވެ.
"އަނެއްހެން އެޓޭކެއް ނުކުރާނެ،" ޖަވާބުދިނީ އަންވަރެވެ. "އެކަމަކު މަޑިއަށް ފައިންއެރިއްޖެއްޔާ ކަށިޖަހާނެ. އެ މަޑީގަ ވަރަށް ނުލަފާ ކަށްޓެއް އިންނާނެ. އެ ކަށީގަ ހުންނާނެ ކަތިކޮށް ހުންނަ ބައިވަރު ކަށިތަކެއް. ކަށިޖެހުމާއެއްކޮށް ކަށި ދޫކޮށްލާފަ މަޑި ބަޗާނެ. ދެން އެ ކަށި ނެރެންޖެހޭނީ ނުކުންނަ ކޮޅުން. އެހެން ނޫނީ އެއްކަލަ ކުދި ކަށިތައް މަސްގަނޑުގަ ވިދޭނެއްނު! ބުޅީގެ ކަނިފަށަށް ވާހެން ވާނީ."
އެހެން ބުނުމުން ހަމްދާން އިތުރު އެއްޗެއް ނުބުނެއެވެ. ބޯޖަހައިލަޖަހައިލާ އިނީއެވެ. އަންވަރަށް އަނެއްކާ ވެސް ބަލައިލެވުނީ، ކަފުޖަހާފައި އޮތް ޑިންގީއަށެވެ. ކެމެރާ އަތުޖެއްސުމަށް ޓަކައެވެ. އޭގައި ފައިރޫޒު އިނެވެ. އެކަނިވެރިވެފައި ފޫހިވެފައެވެ. އަންވަރު ހިތަށްއެރިއެވެ. ކޮޅަށް ތެދުވެއްޖެއްޔާ ބޮއްކުރާގެ ރޯލުކުރުން ބޮޑުވާނެއެވެ. އަނެއްކޮޅުން ޑިންގީ ކައިރިއަށް ގެނެސް، އެއިން އެއްޗެއް ނަގަން އުޅުން ވެސް ބުއްދިވެރިއެއް ނޫނެވެ. ޑިންގީއަށް ކިރިޔާ ވެސް ރާޅެއްޖަހައިފި ނަމަ، ދެން ލިބޭ ގެއްލުން މާ ބޮޑުވާނެތީއެވެ. ބޮއްކުރައަށް ފަސް މީހުން ގިނަކަން އަންވަރަށް ވިސްނުނީ ވެސް އެ ވަގުތުއެވެ.
"އަސްލު މި ކަހަލަ އެއްޗަކަށް ފަސް މީހުން ގިނައޭ ދޯ؟" އަންވަރު މަޑުމަޑުން ބުނެލިއެވެ.
"ކައިރީގައެއްނު ރަށް މި އޮތީ،" ޓީމުގެ އެހީތެރިއެއް ގޮތުގައި އައި އާދިލް، އަތުން އިޝާރާތްކޮށްލައިފައި ބުންޏެވެ. "ކަމެއްވެއްޖެއްޔާ ފަތާފަ ވެސް ދެވޭނެ."
ކުއްލިއަކަށް އިންޖީނު ނިވުނެވެ. އޭރު ބޮއްކުރާ އޮތީ ދެރަށުގެ މެދުގައެވެ. އިންޖީނު ހުއްޓުމާއެކު ބޮއްކުރާ ރޯލުކުރުން ބޮޑުވިއެވެ. އެކަކުގެ ހިތުވިންދު އަވަސްވާން ފެށިއެވެ. ދުނިޔޭގެ ލަދަށް، އެ ވާހަކަދައްކަން ނުކެރިފައި އޭނަ އިނީއެވެ.
"ދެން ކިހިނެއްހަދާނީ؟" ހަމްދާން އެހިއެވެ. "މީ ރަނގަޅު ފާލެއް ނޫން. ރަށަށް ފޯނުކުރަންވީނު؟"
"އެއީ ކީއްކުރަން؟" ދުއްވަންހުރި ބަދީއު ބުންޏެވެ. "މީ އެއްވެސް ކަމެއް ނޫނެއްނު! މިތާ އިސްކޮޅު ޖެހޭނޭ!"
"ނުޖެހޭނެ! ޖެހުނަސް މަޑިއެއް މައްޗަށް ފައިންއެރިއްޖެއްޔާ؟" ހަމްދާން ބުންޏެވެ. "ނޫންތަ އާދިލް؟"
އާދިލް އިނީ ވަރަށް މަޑުންނެވެ. ޖާނުން ވަރުގަދަކޮށް ހުއްޓަސް، މިޒާޖުގައި އާދިލަކީ ބަސްމަދު މީހެކެވެ. ކަންކަމުގެ ތެރެއަށް އަމިއްލައަށް ވަދެ، ފާޑުކިޔުމަކީ އާދިލް މާ ކުރާ ހިތްވާކަމެއް ނޫނެވެ.
"ހިޔެއްނުވޭ އިސްކޮޅުޖެހޭނެހެނެއް،" އާދިލް ބުންޏެވެ. "އެކަމަކު އަހަންނަށް ފަތަން އިނގެޔޭ! އަންވަރަށް އެނގޭތަ ފަތަން."
"އެނގޭހޭ؟" އަންވަރު ބުނެލިއެވެ. "މާދަމާ ހިނގާބަލަ ރޭހެއްޖަހާލަމާ! ކަލޭ މޮޅުވެއްޖެއްޔާ ކުކުޅު ދޭނަން. ހަމްދާނަށް އެނގޭނެ އަހަރެންގެ ފެންވަރު. ދޯ ހަމްދާން؟"
އެ ވަގުތު ހަމްދާންގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. އަންވަރުގެ ސުވާލަކަށް ޖަވާބެއް ވެސް ނުދިނެވެ. އޭރު ކުޑަކޮށް ވައިގަދަވެ، ބޮއްކުރާގެ ރޯލުކުރުން ބޮޑުވެއްޖެއެވެ. ހަނދުވަރުގެ އަލި ވެސް ގެއްލިއްޖެއެވެ. ހަމްދާން އިނީ އިށީނދެގެންއިން ފިލާގަނޑުގައި ބާރަށް ހިފާއްޓައިގެންނެވެ. އެއްކޮޅަށް އަރިވާ އިރަށް ހަމްދާނަށް އުޅެވެނީ، ފިލާގަނޑުގައި ހިފާފައި އެ ކޮޅު މައްޗަށް ނަގާށެވެ.
"ހަމްދާން!" އަންވަރު ގޮވައިލިއެވެ. "ބިރުންތަ ތީނީ؟"
"އާނ!" މަޑުމަޑުން ހަމްދާން ބުންޏެވެ. "އަހަރެން ވަރަށް ބިރުގަނޭ!"
އޭރު އިންޖީނު ހެދުމަށް ޓަކައި މަތިގަނޑު ނެގޭތޯ، ބަދީއު ދިޔައީ މަސައްކަތްކުރަމުންނެވެ. އޭނައަކީ ދުއްވާމީހާއެވެ. އެންމެން އަތުގައި ފޯނު ހުރި ނަމަވެސް، އެއްވެސް މީހަކު އެހީއަކަށް ނޭދެއެވެ. ހާސްވާންޖެހޭ ވަރުގެ ކަމެއް އޭރު ނެތީމައެވެ. ޖަލީލު އިނީ ފޯނުން އިންޖީނަށް އަލިކޮށްގެންނެވެ. ޖަލީލަކީ ބަދީއުގެ އެހީތެރިޔާއެވެ. ބަދީއު މަސައްކަތްކުރީ އިސްކުރެއް ނެއްޓޭތޯއެވެ. ކަމަށް ބޭނުންވާ އަސްލު ސާމާނެއް ބޮއްކުރައަކު ނެތެވެ.
"އިންޖީނު ހެދުނީމަ ދެން ދާނީ ރަށަށް،" ހަމްދާން ބުންޏެވެ. "ތަންކޮޅު ބޮޑު އެއްޗެއްގަ، އެހެން ރެޔަކުން ދެން ފަޅުރަށަށްދާނީ."
"އަހަންނަށް ފެންނަ ގޮތް ބުނަން؟" އާދިލް ބުންޏެވެ. "އަހަރުމެންނަކީ ވަކި ކަމެއްގަ އައި ބައެއް. ރަށް މިއޮތީ ކައިރީގަ. ވީޑިޔޯނަގައިގެން ދެން ރަށަށް ދާންވާނީ. މީ ވަރަށް ވެލާ އަރާ ކަހަލަ ރެޔެއް. އަހަރުމެން މޫދަށް ފައިބައިގެން، ޑިންގީޔާ ބޮއްކުރާ ހިފައިގެން، ފައިން ކަނބަމުން މިހާރު ވެސް ނައްޓާލަންވީޔޭ!"
"އަސްލު ތެދަށް ބުނަން؟ އަހަންނަކަށް ނޭނގެ ފަތާކަށް." އެންމެ ފަހުން ހަމްދާން ބުންޏެވެ.
އެހެން ވެދާނެކަމަކަށް އެކަކު ވެސް ހިޔެއްނުކުރެއެވެ. ދެން ކުރެވޭނެ ކަމެއް ނެތެވެ. ބޮއްކުރައަކު ލައިފުޖެކެޓެއްހައި ހިސާބު ވެސް ނެތެވެ.
"ހަމްދާން ހާސްނުވޭ!" އަންވަރު ބުންޏެވެ. "އަހަރުމެން މި ތިބީނު. ބޮއްކުރާ ބަންޑުންޖަހާލައިފިއްޔާ އޭގެ މައްޗަށް ވެސް އަރާ ތިބެވޭނެ. ހާސްކަނޑާލާ!"
އިންޖީނުގެ ކަންކަން މަރާމާތުކޮށް، ކުޅެން އެނގެނީ ފައިރޫޒަށެވެ. އޭނަ އިނީ ޑިންގީގައެވެ. ފައިރޫޒާއި ބަދީއުއަކީ ދެބެއިންނެވެ. އިންޖީނުގެ މަތިގަނޑު ނަގަންވީ ގޮތާއި، ދެން ހަދަންވީ ގޮތް، ޑިންގީގައި އިނދެގެން ފައިރޫޒު ގޮވަމުންގެންދިޔައެވެ. ފައިރޫޒަކަށް ބޮއްކުރައަށް އެރޭކަށް ނެތެވެ. ޖާގައެއް ނެތެވެ. ޑިންގީގައި ކެމެރާއާއި އެހެން ސާމާނު ހުރުމުން، ޑިންގީ ކައިރިކޮށްގެން އެ ސަކަރާތެއްޖެހޭކަށް ވެސް ނެތެވެ. ބޮއްކުރައާއި ޑިންގީ ވެސް އޮޔާދަމަން ފެށީ ކަނޑަށެވެ.
-ނުނިމޭ-