09 ފެބުރުއަރީ 2017 - 11:48

ލަންޑަން (ފެބްރުއަރީ 9) - ކާމިޔާބު ހޯދަން ބޭނުން ނަމަ އާސެނަލްގެ މިޑްފީލްޑަރު މެސުޓް އޮޒިލް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލުވާން ޖެހޭ ކަމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު މައިކަލް ބަލަކް ބުނެފި އެވެ.
އާސެނަލާ އެކު އޮޒިލް ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާނެ އެވެ. އާ އެއްބަސްވުމުގެ ވާހަކަތައް މި ސީޒަން ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް އަލިމަގެއް ފެނިފައިނުވެ އެވެ. އޮޒިލް އެންމެ ފަހުން ބުނީ އާސެނަލްގައި މަޑުކުރުމާ މެދު ގޮތެއް ނިންމާނީ އެ ޓީމުގެ ކޯޗު އާސެން ވެންގާގެ މުސްތަގުބަލާ ގުޅޭގޮތުން އެ ކްލަބުން ގޮތެއް ނިންމުމުންނެވެ.
އާސެނަލާ އެކު ވެންގާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އާ އެއްބަސްވުމުގެ މަޝްވަރާތައް އަދި ނުފަށަ އެވެ.
ބަލަކް ބުނީ އޮޒިލް އަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅު މިޑްފީލްޑަރެއް ކަމަށާއި އޭނާ އަށް އާސެނަލްގައި ހުރެގެން ކާމިޔާބެއް ލިބުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
"އޮޒިލްގެ ފެންވަރު ރެއާލް މެޑްރިޑްގައި ފެނިއްޖެ. އޭނާ އެ ޓީމާ އެކު ކާމިޔާބު ވެސް ހޯދި. އެކަމަކު އާސެނަލްގައި އޮޒިލް އަށް އެކަށީގެންވާ ރަނގަޅު ކާމިޔާބެއް ނުލިބި ދަނީ. ޓީމަށް އެއް ފެންވަރެއްގައި ނުކުޅެވޭތީ،" ކުރިން ޗެލްސީއާ އެކު ޕްރިމިއާ ލީގު ކާމިޔާބު ކުރި ބަލަކް ބުންޏެވެ. "ޓީމަށް މޮޅަށް ނުކުޅެވޭނަމަ ޒިންމާ މި ނަގަން ޖެހެނީ ޓީމުގައި ތިބޭ ސްޓާރުން."
އިނގިރޭސި ޕްރިމިއާ ލީގަކީ އެންމެ ވާދަވެރި ލީގު ކަމަށާއި މީޑިއާ ޕްރެޝަރާ އެކު އެ ލީގުގެ އުނދަގޫކަން އަހަރަކަށް ފަހު އަހަރެއް އިތުރުވަމުން އަންނަ ކަމަށް ބަލަކް ބުންޏެވެ.
"މީޑިއާ އަށް ބެލިޔަސް އިނގިރޭސި ލީގުގެ ވާދަވެރިކަން ވަރަށް ބޮޑު. ކުޅުންތެރިޔަކަށް އޭނާގެ ފެންވަރުގައި އެންމެ ހަފްތާއެއްގައި ނުކުޅެވުނު ނަމަވެސް ޕްރެޝަރު ބޮޑުވޭ. މިއީ އެއް ފެންވަރެއްގައި ނުކުޅެވޭ ޓީމެއްގައި ހުންނަ މޮޅު ކުޅުންތެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް،" ބަލަކް ބުންޏެވެ.
ބަޔާން ދޫކޮށް ބަލަކް ޗެލްސީ އަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. ޗެލްސީގައި ހޭދަކުރި ހަތަރު ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް 150 އަށް ވުރެން ގިނަ މެޗު ކުޅެދީފަ އެވެ. އަދި އޭނާ ވަނީ ޗެލްސީއާ އެކު ޕްރިމިއާ ލީގު އެއް ފަހަރު އަދި އެފްއޭ ކަޕް ތިން ފަހަރު އުފުލާލައިފަ އެވެ.