25 ނޮވެމްބަރ 2023 - 15:20

ޕޮލިސް ބޯޑުގެ ޗެއާޕާސަން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބޯޑަށް އައްޔަންކުރެއްވި އަހުމަދު ޝަރީފް ހަމަޖައްސަން ފާސްކޮށްފި އެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑުން ބައެއް މެމްބަރުން ވަކިކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަލަށް ހަތަރު މެމްބަރަކު އައްޔަންކުރައްވައިފަ އެވެ. ރައީސްގެ މެމްބަރުގެ ގޮތުގައި ޝަރީފް އެ ބޯޑަށް އައްޔަންކުރެއްވިއިރު އޭނާއަކީ މާލޭ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އެ ބޯޑުގެ ނައިބަކަށް އައްޔަންކުުރަން ފާސްކޮށްފައި ވަނީ އައިޝަތު ނޫރާ މުހައްމަދެވެ. އޭނާއަކީ އެ ބޯޑަށް ކުރިން އައްޔަންކުރެއްވި ބޭފުޅެކެވެ. ނޫރާގެ އިތުރުން އެ ބޯޑަށް ކުރިން އައްޔަންކުރެއްވި އަނެއް ދެ ބޭފުޅުންނަކީ އާންމުކޮށް ހުޅުވާލައިގެން އާންމުންގެ ތެރެއިން ކުރިމަތިލެއްވި ހ. ޝޭޑީކޯނާ ހާމިދު އަބްދުލްޣަފޫރު އަދި ސ. ހުޅުދޫ، ދެތަނޑިމާގެ، ސަފާ ޝަރީފެވެ.
އަލަށް އައްޔަންކުރެއްވި ބޭފުޅުން:
- ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު: ދަފްތަރު ނަމްބަރު 535، އަލީ ނަސީރު ގާސިމް
- ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު، ސ.މަރަދޫފޭދޫ، ބަގީޗާގެ، އަހުމަދު އަޒީމް
- ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު: ހއ.ހޯރަފުށި، އަލިމަސްގެ، އަހުމަދު ސައުދީ
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެމްބަރުންގެ އިތުރުންގެ އާންމުންގެ ތެރެއިން ދެ މެމްބަރެއްގެ މައްޗަށެވެ.
ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ފިޔަވައި ފުލުހުންގެ އިސް ރޭންކުތަކަށް އޮފިސަރުން ހަމަޖައްސާއިރު މި ބޯޑުން އެ މީހަކު އެޕްރޫވް ކުރަންޖެހެ އެވެ. އެ ބޯޑަކީ ފުލުހުންގެ ކޮންމެ ދުވަހެއްގެ ހަރަކާތްތައް މޮނީޓާކޮށް އެކަމަށް ބަސް ކިޔާ ބޯޑެއް ނޫނެވެ. ޕޮލިސް ބޯޑަށް ޖަވާބުދާރީވާން ޖެހެނީ ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިސް އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ޕޮލިސް ކޮމިޝަނަރު އައްޔަންކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެމަތިން ރައީސެވެ. ކޮމިޝަނަރުކަމަށް އައްޔަންކުރެވޭނީ އެސިސްޓަންޓް ކޮމިޝަނަރުން ފެށިގެން މަތީ ރޭންކުގެ އޮފިސަރުންނެވެ.