ރައްޔިތުން އިހުތިޔާރުކުރީ ޑރ. މުއިއްޒުގެ ތަސައްވަރު، ހުންނާނީ އެމަނިކުފާނާއެކު: ނައިބު ރައީސް
ރައްޔިތުން އިހުތިޔާރުކުރީ ޑރ. މުއިއްޒުގެ ތަސައްވަރު، ހުންނާނީ އެމަނިކުފާނާއެކު: ނައިބު ރައީސް

ރާއްޖޭގެ ރައްޔިތުން އިހުތިޔާރުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރު ކަމަށާއި އެ ތަސައްވަރުގެ ދަށުން ރައްޔިތުންނަށް މަންފާކުރާނެ ވެރިކަމަށް މި ވެރިކަން ހެދުމުގައި ސާބިތުވެ ހުންނަވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކޮށްލައްވައި އަމިއްލަ ޕާޓީއެއް އުފައްދަވާކަން އިއުލާންކުރައްވާފައިވަނިކޮށް ނައިބް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިވެރިކަމަކީ އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ބައެއްގެ ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށާއި ރައްޔިތުން ޑރ. މުއިއްޒުގެ ތަސައްވަރު އިހުތިޔާރުކުރައްވާފައިވާ ކަމަށެވެ.

ރައީސް އިސްކުރައްވާނީ ރައްޔިތުންގެ މަސްލަތު ކަމަށްވާތީ މިވެރިކަން ދެމެހެއްޓުމުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ.

"ވީމާ މިވެރިކަމަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަށް ހެދުމަށް އެމަނިކުފާނާ އެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން އަރުވަން." ޕީއެންސީގެ ޓިކެޓުގައި ނައިބް ރައީސްކަމަށް ވަޑައިގަތް ހުސެއިންގެ ޕޯސްޓުގައިވެ އެވެ.

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކުރި ޔާމީން، 11 އަހަރަށް ޖަލަށް ލާފައިވާތީ، ވެރިކަމަށް ކުރިމަތިލެއްވުމަށް ގާނޫނީ ހުރަސްތަކެއް މެދުވެރިވެގެންނެވެ. އެހެންވެ އިންތިހާބުގައި ވާދަކުރެއްުވުމަށް ޕީޕީއެމްގެ ނައިބް ރައީސްގެ ގޮތުގައި އޭރު ހުންނެވި ޑރ. މުއިއްޒު ވެސް ޕީއެންސީއާ ގުޅިވަޑައިގަތީ އެވެ.

ޔާމީން އާ ޕާޓީއެއް ހެއްދެވިޔަސް ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބޭފުޅުން ވެސް ވަނީ ރައީސްއާ އެކު ކުރިއަށްދާނެ ކަމަށް ހާމަކުރައްވާފަ އެވެ.

ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު ރޭ ޗެނަލް 13 ގައި ވިދާޅުވި ގޮތުގައި ރައީސް މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވަނީ ޔާމީނަށް ބޭވަފާތެރިވެފަ އެވެ. ޖަމީލް ވިދާޅުވީ ރައީސް ވެސް ޔާމީންގެ ފޯނު ކޯލް ނުނަންގަވާ ކަމަށާއި ލީޑާޝިޕުން ވެސް ޔާމީނާ ދުރަށް ވަޑައިގެންފައިވާ ކަމަށެވެ.