09 ފެބުރުއަރީ 2017 - 09:30

މެޑްރިޑް (ފެބްރުއަރީ 9) – ސެލްޓާ ވީގޯ 1-0 އިން ބަލިކޮށް ސްޕެނިޝް ކަޕުގެ ފައިނަލުން ޑިޕޯޓިވޯ އަލަވެސް ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.
މޭ މަހުގެ 27 ވަނަ ދުވަހުގެރޭ އޮންނަ ފައިނަލުގައި އަލަވެސް ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބާސެލޯނާއާ ދެކޮޅަށެވެ.
އަލަވެސްގެ 96 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ދެ ލެގުގެ އެގްރިގޭޓުން ވެސް 1-0 އިން ކުރި ހޯދައިގެންނެވެ. ސެލްޓާގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު 0-0 އިން އެއްވަރުވިއިރު ރޭ އަލަވެސް 1-0 އިން މޮޅުވީ އަމިއްލަ ދަނޑުގައި ކުޅެގެންނެވެ. އަލަވެސްގެ ހަމައެކަނި ލަނޑު 82 ވަނަ މިނެޓުގައި ޖެހީ އެޑްގާ އެވެ. ސެލްޓާގެ އިއާގޯ އަސްޕަސް އަށް ވެސް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.
އަލަވެސް މީގެ ކުރިން ކުޅުނު ހަމައެކަނި ބޮޑު ފައިނަލަކީ 2001 ވަނަ އަހަރުގެ ޔުއެފާ ކަޕް ފައިނަލެވެ. އެ ފަހަރު ފައިނަލުން ލިވަޕޫލް އަތުން އެ ޓީމު 5-4 އިން ބަލިވީ އެވެ.
"މިރޭ އަހަރެމެން އުފާފާޅުކުރާނަން. އަދި ފައިނަލުގައި ކާމިޔާބު ހޯދުމުގެ މަސައްކަތް ވެސް ފަށާނަން. އެކަމަކު މިހާރު ވެސް އަހަރެމެންނަށް މިއޮތީ ތާރީހުން ޖާގަ ލިބިފައި،" އަލަވެސްގެ ކެޕްޓަން މާނޫ ގާސިއާ ބުންޏެވެ.
ބާސެލޯނާ ފައިނަލުން ޖާގަ ހޯދީ އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް ދެ ލެގުން 3-2 އިން ކުރި ހޯދައިގެންނެވެ.