ޕީޕީއެމްގެ އޮފީސް ހުސްކުރަން އަންގައިފި
ޕީޕީއެމްގެ އޮފީސް ހުސްކުރަން އަންގައިފި

ޕީޕީއެމް އޮފީސް ހިންގާ އިމާރާތް ހުސްކުރަން އެ އިމާރާތުގެ ވެރިފަރާތުން އެ ޕާޓީ އަށް ރޭ އަންގައިފި އެވެ.

ޕީޕީއެމްގެ އޮފީސް ހިންގަމުން ދަނީ އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ ހ. ހުރަފާ ގޭގަ އެވެ.

އެ އިމާރާތް ހުސްކުރަން ޕީޕީއެމަށް އެންގީ އެ ތަން ކުއްޔަށް ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް ކަމަށް ވާއިރު، ޔާމީންގެ އޮފީހެއް ހިންގަން އެ މަނިކުފާނު ބޭނުންފުޅުވާތީ ކަމަށް ބުނެ އެވެ.

އެ އިމާރާތުގެ ވެރިފަރާތަކީ ޔާމީންގެ ސަޕޯޓަރެއް ކަމަށް ވެ އެވެ.

ޕީޕީއެމްގެ ލީޑަޝިޕާ އެކު އުފެދިފައިބާ ބޮޑެތި ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޔާމީން އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިއްޔެ ރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ. އެހެންވެ، ޔާމީން މިހާރު ވަނީ އާ ޕާޓީއެއް އުފައްދަން ނިންމަވާފައި ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީސް ހުސްކުރަން އެންގިއިރު، އެ ޕާޓީގެ ސެނެޓް ބައްދަލުވުމެއް މިރޭ އެ އިމާރާތުގައި ބާއްވަން ރޭ އޮތީ ނިންމައިފަ އެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ތަނެއް ފަހުން އަންގާނެ ކަމަށް ސެނެޓަރުންނަށް ފޮނުވި މެސެޖެއްގައި ޕީޕީއެމްގެ ލީޑަޝިޕުން ވަނީ ބުނެފަ އެވެ.

ޔާމީންގެ ފަރާތްޕުޅުން މީޑިއާގައި ވާހަކަ ދައްކަވާ ޖަމީލް ޗެނަލް 13 ގައި ވިދާޅުވީ އާ ޕާޓީއެއް އުފެއްދެވުމަކީ ޔާމީނަށް ފަސޭހަފުޅު ނިންމެވުމެއް ނޫނަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ޔާމީންގެ ފޯނު ކޯލްތައް ނުނަންނަގަވާ ކަމަށެވެ. ޕީޕީއެމްގެ ލީޑަޝިޕުން ވެސް ޔާމީނާ ދުރަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑަޝިޕުން ވަނީ ޔާމީނަށް ބޭވަފާތެރިވެފަ އެވެ.

ޕީޕީއެމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޕާޓީއެކެވެ. އެކަމު، މައުމޫނާއި ޔާމީނާ ދެ ބޭފުޅުންގެ ކޯޅުން ބޮޑުވެ، އެންމެ ފަހުން މައުމޫން ޕާޓީން ވަކިކޮށް، ޔާމީންގެ ބާރުގެ ދަށަށް ޕީޕީއެމް ގެނައީ އެވެ.