24 ނޮވެމްބަރ 2023 - 22:52

ޕީޕީއެމް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކުގައި ކަމަށާއި އެ މަނިކުފާނުގެ ހިމާޔަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

ގައްސާންގެ ބޮޑުބޭބޭފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ޕީޕީއެމް ދޫކޮށްލައްވައި އަމިއްލަ ޕާޓީއެއް އުފައްދަވާކަން އިއުލާންކުރައްވާފައި ވަނިކޮށް މިރޭ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީ އޮތީ ރައީސް ޑރ. މުއިއްޒުއާ އެކުގައި ކަމަށެވެ.

"ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއަތް ގުޅައިގެން މި ތިބި ސަފުތަކުގައި ކެރުމާއި އިހުލާސްތެރިކަމާ އެކު ސާބިތުވެ ހުރެ، ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒުއާ އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވާލަން،" ގައްސާން ވިދާޅުވި އެވެ.
ގައްސާނާއި ޔާމީނާ ދެމެދު ގާތް ގުޅުމެއް އޮތެވެ. ގައްސާންގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޔާމީނާ ދެމެދުގައި މައްސަލަތައް އެންމެ ހޫނުވެ މައުމޫން ޖަލުގައި ހައްޔަރުކުރުމުން ވެސް ވެސް ގައްސާން ހުންނެވީ ޔާމީން ފަޅީގަ އެވެ.
ޕީޕީއެމް އަކީ މައުމޫން އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ލީޑާޝިޕް ޔާމީން ނަންގަވައި، މައުމޫން އެ ޕާޓީން ވަކިކުރެއްވި އެވެ. އޭގެ ފަހުން ވެސް ގައްސާން ހުންނެވީ އެ ޕާޓީގައި، ޔާމީންއާ އެކުގަ އެވެ.
ޔާމީން ޕީޕީއެމް ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން އިއްޔެ ނިންމެވުމާ ގުޅިގެން މި ސަރުކާރުގެ ބައެއް އެހެން މިނިސްޓަރުން ވެސް އަންނަނީ ރައީސް މުއިއްޒަށް އޮތް ތާއީދު ހާމަކުރައްވަމުންނެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ހިދުމަތްކުރަން ފަށާފައިވާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީއާ އެކު އިހުލާސްތެރިކަމާ އެކު ކުރިއަށް ގޮސް، ރައީސް މުއިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބަދަހި ސަފުތަކެއްގައި ސާބިތުވެ ހުންނަވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މިއީ ދިވެހި ގައުމަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން ލިބެން އޮތް މަގު. ގައުމާއި ރައްޔިތުންގެ އުންމީދުތައް އެހެން އެއްވެސް ބަޔަކާއި އެއްޗަކާއި ކަމަކަށް ވުރެ ބޮޑު،" އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ޗެނަލް 13 ގައި ވިދާޅުވީ ރައީސް މުއިއްޒު، ޔާމީންގެ ފޯނު ކޯލް ނުނަންގަވާ ކަމަށާއި ލީޑާޝިޕުން ވެސް ޔާމީނާ ދުރަށް ވަޑައިގެންފައިވާ ކަމަށެވެ. ރައީސް މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ ކަމަށް ޖަމީލް ވިދާޅުވި އެވެ.