ޖަނގިޔަލަކުން ބާރު ލިބޭ ކެޕްޓަން އަންޑަޕޭންޓްސް
ޖަނގިޔަލަކުން ބާރު ލިބޭ ކެޕްޓަން އަންޑަޕޭންޓްސް

ސުޕަމޭން ކަހަލަ ސުޕަހީރޯއިން ކޮސްޓިއުމްގެ މަތިން ޖަނގިޔަލެއްގެ ލައިގެން އުޅޭތީ އެކަން އޮންނަނީ ބޮޑު ޖޯކަކަށް ވެފަ އެވެ. ލައިވް އެކްޝަން ފިލްމުތަކުން އެކަހަލަ ކޮސްޓިއުމްތައް ދައްކާތީ ބައެއް މީހުން ފާޑު ވެސް ކިޔަ އެވެ.

ޖަނގިޔަލަކުން ބާރު ލިބޭ ކެޕްޓަން އަންޑަޕޭންޓްސް
ޖަނގިޔަލަކުން ބާރު ލިބޭ ކެޕްޓަން އަންޑަޕޭންޓްސް

މި ފަހަރު މިއޮތީ ޖަނގިޔަލެއްގެ ނަމާ އެކު، މަޝްހޫރުކަން ހޯދި ސުޕަހީރޯއެއްގެ ވާހަކަ އެވެ. އެކަމަކު މިއީ ލައިވް އެކްޝަން ފިލްމެއް ނޫނެވެ. އެނިމޭޓެޑް ފިލްމެކެވެ. ހުދު ޖަނގިޔަލާ އެކު އަންނަނީ "ކެޕްޓަން އަންޑަޕޭންޓްސް" އެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސް ދެނީ އެނިމޭޓެޑް ފިލްމުތައް އުފެއްދުމުގައި އެފަދަ ދެވަނައެއް ނެތް ޑްރީމްވާކްސް އާއި ސްކޮލާސްޓިކް އެންޓަޓައިންމަންޓް ގުޅިގެންނެވެ.

"ކެޕްޓަން އަންޑަޕޭންޓްސް" ބިނާކޮށްފައި ވަނީ ހަމަ އެ ނަމުގައި ޑޭވް ޕިލްކޭ ނެރުނު ކުޑަކުދިންގެ ކޮމިކް ސީރީޒްއަށެވެ.

އޭގައި ކިޔައިދެނީ ހަމައެކަނި ޖަނގިޔަލަކާއި ސުޕަމޭންގެ ބުރަކަށިމަތީގައި އޮންނަ ކަހަލަ ރަތް ކުލައިގެ ފޮތިގަނޑެއްގެ އެހީގައި ސުޕަހީރޯއަކަށް ވެގެން އުޅޭ ހައި ސްކޫލެއްގެ ޕްރިންސިޕަލެއްގެ ވާހަކަ އެވެ. މި ވާހަކަ ބިނާވެފައި ވަނީ ޕްރިންސިޕަލާއި ދެ ދަރިވަރެއްގެ މެދުގައި ހިނގާ މަޖާ ކަންތައްތަކެއްގެ މައްޗަށެވެ.

މީގެ ހަތަރު އަހަރު ކުރިން ނެރުނު "ޓާބޯ" ގެ ޑައިރެކްޓަރު ޑޭވިޑް ސޮރެން ޑައިރެކްޓްކޮށްފައިވާ "ކެޕްޓަން އަންޑަޕޭންޓްސް" ގެ ކެރެކްޓާތަކަށް އަޑު އަޅައި ދީފައި ވަނީ އެޑް ހެލްމްސް، ކެވިން ހާޓް، ތޯމަސް މިޑްލްޑިޗް، ނިކް ކްރޯލް އަދި ޖޯޑަން ޕީލެވެ.

އެނިމޭޓެޑް ފިލްމުތަކަށް ލޯބި ކުރާ މީހުން، މިހާރު ވެސް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ "ކެޕްޓަން އަންޑަޕޭންޓްސް" ސިނަމާތަކުގައި އަޅުވާނީ ޖޫން 2 ގަ އެވެ.

އެހެންކަމުން ފިލްމު ބަލާލަން އަދި ޖެހޭނީ ތަންކޮޅެއް ދިގު އިންތިޒާރެއްކޮށްލާށެވެ. މީގެ ޓްރެއިލާ އޮތީ އާންމުންނާ ހަމައަށް އައުމުގެ މަގުމަތީގަ އެވެ.