24 ނޮވެމްބަރ 2023 - 13:22

މިދިޔަ ހުކުރު ދުވަހު ދައުރު ފުރިހަމަކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ޕަބްލިކް އިންކުއަރީއެއް ހެދުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގައި އެދެން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.
އއ. އުކުޅަހުގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ބުނީ، އިދިކޮޅު ފަރާތްތަކުން ނުވަތަ މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަރުކާރު ހިންގާ ޕާޓީތަކުން ދެއްކި ވާހަކަތަކާ ގުޅޭ އިންކުއަރީ މަޖިލީހަށް ހުށަހަޅައިގެން ބެލުމަށެވެ.
އޭގެ ތެރޭގައި ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭ ކަމާއި އެ މީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލަން ރާވަމުން ދިޔަ ކަމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ވާހަކަ އާއި ދައުލަތް ޝާމިލްވެގެން ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތައް ހިމެނެ އެވެ.
އެ ގަރާރުގައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެމްޑީޕީން ކުރަންޖެހޭ ކަންކަން ކުރަން ފަސް މެމްބަރުންގެ ކޮމިޓީއަކާއި ސަރުކާރު ޒިންމާދާރު ކުރުވުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމައިފި އެވެ.
އެމްޑީޕީގެ މެންބަރުން އިތުރުކުރަން މަސައްކަތް ކުރުމާއި ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބައްޓަން ކުރުމަށް ބާރު އެޅުމަށާއި އަނިޔާވެރިކަން ހުއްޓުވަން އެމްޑީޕީ ދެމިއޮތުމަށް ވެސް ގަރާރުގައި ވަނީ ނިންމައިފަ އެވެ.
އެ ގަރާރު ފާސްކުރީ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.