24 ނޮވެމްބަރ 2023 - 10:12

ބޯކޮށް ވާރޭވެހޭނެ ލަފާކޮށް، މުޅި ރާއްޖެ އަށް ވައިޓް އެލާޓެއް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓުން ބުނީ މިއަދު ހެނދުނު 9 އިން މެންދުރު ފަހު 3 އަށް މުޅި ރާއްޖެ އަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުގައި، ވިލާގަނޑުގައި 35 މޭލަށް ވައިގަދަ ވާނެ އެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރާއިރު ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
އެ އޮފީހުގެ ރެކޯޑުތައް ދައްކާ ގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ހދ. ހަނިމާދުއަށެވެ.
މެޓުން ވަނީ ރެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނާ ހަމައަށް އުތުރާއި ދެކުނު އަތޮޅުތަކަށް ވެސް އޮތީ އެލާޓް ނެރެފަ އެވެ.