23 ނޮވެމްބަރ 2023 - 23:30

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕޮލިސް ބޯޑު އަލުން އެކުލަވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޕޮލިސް ބޯޑުން ބައެއް މެމްބަރުން ވަކިކޮށް އާ މެމްބަރުން އައްޔަންކޮށްފައިވާ ކަމަށެވެ.
ހަތް މެމްބަރުން ތިއްބަވާ ބޯޑަށް އަލަށް އައްޔަންކުރައްވާފައިވަނީ ހަތަރު ބޭފުޅުންނެވެ. އެއީ؛
ރައީސްގެ މެމްބަރުގެ ގޮތުގައި ތ. ހިރިލަންދޫ، ގުލްފާމްގެ، އަހުމަދު ޝަރީފު
ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު: ދަފްތަރު ނަމްބަރު 535، އަލީ ނަސީރު ގާސިމް
ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު، ސ.މަރަދޫފޭދޫ، ބަގީޗާގެ، އަހުމަދު އަޒީމް
ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު: ހއ.ހޯރަފުށި، އަލިމަސްގެ، އަހުމަދު ސައުދީ
އެ ބޯޑަށް ކުރިން އައްޔަންކުރެއްވި ތިން ބޭފުޅުން އެބަތިއްބެވި އެވެ. އެއީ؛
ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކަށް ހ. ނޫމުތި، އައިޝަތު ނޫރާ މުހައްމަދު އަދި އާންމުކޮށް ހުޅުވާލައިގެން އާންމުންގެ ތެރެއިން ކުރިމަތިލެއްވި ހ. ޝޭޑީކޯނާ ހާމިދު އަބްދުލްޣަފޫރު އަދި ސ. ހުޅުދޫ، ދެތަނޑިމާގެ، ސަފާ ޝަރީފެވެ.
ރައީސް ޕޮލިސް ބޯޑު އަލުން އެކުލަވާލެއްވިއިރު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންނުކުރެވި ދިގުލައިގެން ގޮސްފައިވެ އެވެ. އޭގެ ސަބަބަކީ ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ފިޔަވައި ފުލުހުންގެ އިސް ރޭންކުތަކަށް އޮފިސަރުން ހަމަޖައްސާއިރު ޕޮލިސް ބޯޑުން އެ މީހަކު އެޕްރޫވް ކުރަން ޖެހެ އެވެ. އެކަމަކު އެ ބޯޑަކީ ފުލުހުންގެ ކޮންމެ ދުވަހެއްގެ ހަރަކާތްތައް މޮނީޓާކޮށް އެކަމަށް ބަސް ކިޔާ ބޯޑެއް ނޫނެވެ. ޕޮލިސް ބޯޑަށް ޖަވާބުދާރީވާން ޖެހެނީ ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިސް އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ޕޮލިސް ކޮމިޝަނަރު އައްޔަންކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެމަތިން ރައީސެވެ. އަދި ކޮމިޝަނަރުކަމަށް އައްޔަންކުރެވޭނީ އެސިސްޓަންޓް ކޮމިޝަނަރުން ފެށިގެން މަތީ ރޭންކުގެ އޮފިސަރުންނެވެ.