23 ނޮވެމްބަރ 2023 - 22:07

ޕާޓީ ބައިބައިކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ، ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ޕީޕީއެމުން މިއަދު ވަކިކޮށްފި އެވެ.
އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސޮއިކުރައްވައި، މަލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ޕީޕީއެމްގެ ސެނެޓަރެއްގެ ގޮތުގައި އޭނާ ހުންނަވައި ޕާޓީ ބައިބައިކުރުމާއެކު ބަދުނާމުކުރަމުންދާ ކަމަށެވެ. އެކަންކަމާ ހެދި ޕާޓީގެ ހަރަކާތްތަކުން މަލީހު އިއްޔެ ސަސްޕެންޑުކޮށް، ލީޑަޝިޕުން ސުލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލަތައް ބަލައި އޭނާ ޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށް ސިޓީގައި ބުންޏެވެ.
މަލީހު ވަކިކުރުމުގެ މައްސަލަ ފެށުނީ ލީޑަޝިޕަށް އެންގުމަކާ ނުލައި ވަކި ކޮމިޓީއެއް އުފައްދައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުންނެވެ.
ސިޓީގައި ބުނީ އެ ޕްރެސް ކޮންފަރެންސްގައި ޕާޓީގެ މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދެއްކުމުން އޭނާ ސަސްޕެންޑުކޮށް، ސުލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލިއިރު ހަތް ކަމެއް ފާހަގަކުރެވުނު ކަމަށެވެ.
އޭގެ ތެރޭގައި އެ ޕްރެސް ކޮންފަރެންސްގައި މަލީހު ވާހަކަ ދައްކާފައިވަނީ ޕާޓީގެ ލީޑަޝިޕާއި ޕާޓީގެ ސެނެޓާ އެއްވެސް މަޝްވަރާއެއް ކުރެވިގެން ނޫން ކަމާއި ޕާޓީގެ އިދާރީ ގޮތުން ހިންގުމަށް ކޮމިޓީއެއް އުފައްދާފައިވަނީ ޕާޓީގެ ލީޑަޝިޕް އަދި ސެނެޓްގެ މަޝްވަރާއެއް ނެތި އަމިއްލައަށް ކަމަށް ވެސް ބުންޏެވެ.
ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑުކުރަން ނިންމައި އެކަން އެންގުމުން ވެސް ޕާޓީގެ ނަމުގައި ތަފާތު ކަންކަން ކުރުމާއި އެއްވެސް ހައިސިއްޔަތެއް ނެތި ޕާޓީއާ ގުޅޭ ވާހަކަތައް މީޑިއާއަށް ވެސް ހިއްސާކުރަމުންދާ ކަމަށާއި ޕާޓީގެ ރައީސް ޔާމީންގެ ނަންފުޅުގައި އިތުރުފުޅު ހައްދަވައި އެ މަނިކުފާނުގެ އަބުރާއި ކަރާމާތައް އުނިކަން ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާކަން ކޮމިޓީއަށް ފާހަގަކުރެވުނު ކަމަށް ބުންޏެވެ.
ސިޓީގައި ބުނީ ސުލޫކީ ކޮމިޓީއަށް ހާޒިރުވާން ދެ ދުވަހެއްގެ މަތިން އެންގުމުން ވެސް އެކަމަށް އިޖާބަދީފައިނުވާ ކަމަށެވެ.
"..މަނިކުފާނުގެ އަމަލުތައް ފެންނަމުންދާ ގޮތުން، މަނިކުފާނުގެ ފަރާތުން ޕާޓީއަށް އިޔާދަކުރަން ދަތިވާ ފަދަ ގެއްލުންތަކެއް ކުރިމަތިވެ، ޕާޓީގެ މެމްބަރުންގެ މެދުގައި ބައިބައިވުން އުފެދި ފިތުނަ ވެގެންދާނެކަމަށް ކޮމިޓީއަށް ފެންނާތީއާ އަދި އިތުރަށް މަނިކުފާނު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމިހުރެއްޖެނަމަ ޕާޓީއަށް މި ނޫންވެސް އިތުރު ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް ސުލޫކީ ކޮމިޓީއަށް ފެންނާތީީ.....މުހައްމަދު މަލީހު ޖަމާލް ޕާޓީގެ މެމްބަރުކަމުން ވަކިކުރުނަށް ނޮވެމްބަރު 23، 2023 ވަނަ ދުވަހު ޕާޓީ އޮފީހުގައި ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި އެ ކޮމިޓީގެ ތިން މެމްބަރުންގެ އިއްތިފާގުން ނިންމަވައި އެކަން އަންގަވާފައިވެ އެވެ."
ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް އެ ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވަގުތީ ކޮމިޓީއެއް އެކުލަވައިލައްވާފަ އެވެ.
ޔާމީން ނެންގެވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އިދާރީ ގޮތުން އެ ކޮމިޓީގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު މި ކޮމިޓީގައި ނުހިމެނެ އެވެ.