09 ފެބުރުއަރީ 2017 - 10:40

ވޮޝިންޓަން (ފެބްރުއަރީ 9) - އެމެރިކާގެ ކޯޓުތައް މާބޮޑަށް ސިޔާސީވެފައިވާ ކަމަށް ވިދާޅުވެ އެ ގައުމުގެ ޝަރުއީ ނިޒާމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ފާޑު ވިދާޅުވެއްޖެ އެވެ.

މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރުމަށް ޓްރަމްޕް ނެރުއްވި އަމުރަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެމަނިކުފާން ވިދާޅުވީ ކޯޓުތައް ވަކިކޮޅަކަށް ޖެހިފައިވާ ކަމަށް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. އެކަމަކު ކޯޓުތައް ސިޔާސީވެފައިވާ ކަމަށް ބުނެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ވޮޝިންޓަނުގައި ފުލުހުންގެ އިސް ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވާ ޓްރަމްޕް ވިދާޅުވީ ކޯޓުތަކުން ރަނގަޅަށް ކަންތައް ކުރުމަކީ ޝަރުއީ ނިޒާމުގެ އެންމެ މުހިންމު ބައި ކަމަށެވެ. ޓްރަމްޕް ނެރުއްވި އަމުރަށް ތާއިދު ކުރެއްވި ބޮސްޓަންގެ ފެޑެރަލް ފަނޑިޔާރަކީ އިހުތިރާމް ލިބިގެންވާ ތެދުވެރި ފަނޑިޔާރެއް ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ނެރުނު އަމުރަކީ "ހަތިޔާރެއް" ކަމަށެވެ.
"ތިޔަ ބޭފުޅުން ބޭނުންވާ ހަތިޔާރު އަޅުގަނޑުމެން ފޯރުކޮށްދޭން ޖެހޭނެ. ތިޔަ ބޭފުޅުން ބޭނުންވާ މި ހަތިޔާރު އެ މީހުން އެ އުޅެނީ ތިޔަ ބޭފުޅުންނާ ދުރު ކުރުމަށް. ފަހަރެއްގައި ވެދާނެ ސިޔާސީ ކަމެއްގެ ސަބަބުން ކަމަށް ވެސް،" ކޯޓުތަކަށް އިޝާރާތް ކުރައްވާ ފުލުހުންނާ މުޚާތަބް ކުރައްވާ ޓްރަމްޕް ވިދާޅުވި އެވެ.
ޑިމޮކްރެޓިކުންނާއި ފާޑުކިޔާ އެހެން ފަރާތްތަކުން ބުނަމުން ދަނީ ކޯޓުތައް މިނިވަންކަމާ އެކު ހިނގާ އިރު ޝަރުއީ ނިޒާމަށް އަމާޒުކޮށް ޓްރަމްޕް ދެއްވާ ބަހުގެ ހަމަލާތަކުގެ ސަބަބުން ޑިމޮކްރެސީގެ އެއް އަސާސް އަށް އަސަރު ކުރާނެ ކަމަށެވެ.
އީރާން، އިރާގު، ސީރިއާ، ސޮމާލިއާ، ޔަމަން، ލީބިއާ އަދި ސޫދާން މީހުން އެމެރިކާ އަށް ވަނުން 90 ދުވަހަށް މަނާކޮށްފައިވާ އަމުރު ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުން ހުއްޓުވާފައިވާތީ މިހާރު ކުރިއަށް ދަނީ އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތެވެ. ސެން ފްރެންސިސްކޯގައި ހުންނަ ނައިންތު ސާކިޓް އެޕީލް ކޯޓުން ދަނީ ދެ ފަރާތަށް ވެސް ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރަމުންނެވެ. އިސްތިއުނާފް ކޯޓުން މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ. ގިނަ ބަޔަކު އިތުބާރު ކުރާ އިސްތިއުނާފް ކޯޓުގެ ނިންމުން ކޮންމެ ގޮތަށް އައި ނަމަވެސް މި މައްސަލަ ކޮޅެއްގައި ޖެހޭނީ ސުޕްރީމް ކޯޓާ ހަމައިން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.