23 ނޮވެމްބަރ 2023 - 18:46

އޮސްޓްރޭލިއާގެ ނެޓްފިޓް ނެޓްބޯލް، ގްރީން ސްޓްރީޓްސް ނެޓްބޯލް އަދި އެމްވީ ނެޓާސްއާ ގުޅިގެން ކުރިއަށް ގެންދާ "ގާލްސް ކޭން" ކެމްޕެއިންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
ނެޓްފިޓް ނެޓްބޯލްއަކީ 100،000 އަށް ވުރެ ގިނަ މެމްބަރުންނާއެކު ދުނިޔޭގެ އެއް ވަނަ ނެޓްބޯޅަ ޑިޖިޓަލް ޕްރޮގްރާމެވެ. އެ ކުންފުންޏާ އެކު ރާއްޖޭގައި ކުރިއަށް ގެންދާ މި ކެމްޕެއިންގެ މަގްސަދަކީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ކުޅިވަރުގެ ޒަރިއްޔާއިން އަންހެން ކުދިން ބާރުވެރިކުރުވުމެވެ.
ދިރާގުން ބުނި ގޮތުގައި ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އޮސްޓްރޭލިއާގެ އެލީޓް ނެޓްބޯޅަ ކުޅުންތެރިޔާ އަދި ނެޓްފިޓްގެ ސީއީއޯ އަދި ފައުންޑަރު ސާރާ ވޯލް އަދި ޝާނީ ނޯޑާ ރާއްޖޭގައި އޮންސައިޓް ޓްރެއިނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ނެޓްބޯޅަ އެކަޑަމީތަކުގެ ކްލިނިކްތަކާއި، ކޯޗިން ވޯކްޝޮޕްތައް އަދި ނެޓްބޯޅަ ކްލަބްތަކާއި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމާ އެކު ވެސް ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްކޫލްތަކަށް އަމާޒުކޮށްގެން ޒުވާން ކުޅުންތެރިންނަށް މާސް ކްލާސްތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ކްލާސްތަކުގެ ޒަރިއްޔާއިން ޒުވާން ނެޓްބޯޅަ ކުޅުންތެރިންނަށް އާ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ޒުވާނުން ބާރުވެރިކުރުވައި އެފަރާތްތަކަށް އެކި ފުރުސަތުތައް މަގުފަހިކޮށްދިނުމަކީ އެ ކުންފުނީގެ ސީއެސްއާރުގެ މައިގަނޑު އެއް ދާއިރާ ކަމަށެވެ. އަދި ކުޅިވަރު ހަރަކާތްތައް ބާއްވާ އިންތިޒާމުކުރުމަށް އެއްބާރުލުން ދިނުމަކީ ދިރާގުން ދިވެހި ކުޅިވަރު ކުރިއަރުވައި ދިވެހި އެތުލީޓުންގެ ހުނަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.