ގާޒާގައި ކޮންމެ ގަޑިއަކުން ދެ މަންމަ މަރުވޭ: އދ.
ގާޒާގައި ކޮންމެ ގަޑިއަކުން ދެ މަންމަ މަރުވޭ: އދ.

އިޒްރޭލު ސިފައިން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ކޮންމެ ގަޑިއަކުން ދެ މަންމަ އަދި ކޮންމެ ގަޑިއަކުން ހަތް އަންހެނުން މަރުވާ ކަމަށް އދ. މަޖިލީހުން އިއްޔެ ބުނެފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަމުން، މިންތީ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުމާ ބެހޭ އދ.ގެ އިދާރާ (ޔޫއެން ވިމެން)ގެ މަންދޫބު ސާމީ ބަހޫސް އިއްޔެ ވިދާޅުވި ގޮތުގައި އިޒްރޭލުން ޣައްޒާ އަށް ދޭ ހަމަލާތަކުގައި ކޮންމެ 60 މިނެޓަކުން ހަތް އަންހެނުން މަރުވާ ކަމަށެވެ. އޭގެ ތެރެއިން ކޮންމެ ދެ މީހަކީ ދަރިން ލިބިފައިވާ މައިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮކްޓޫބަރު 7ގެ ހާދިސާގެ ކުރިން، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސިފައިން ހިންގި އުދުވާންތަކުގައި ޝަހީދުވާ އާންމުންގެ 67 އިންސައްތައަކީ ފިރިހެނުންނެވެ. ނަމަވެސް އޮކްޓޫބަރު 7 ގެ ފަހުން އެ ނިސްބަތް މިހާރު ހުރީ އޭގެ އިދިކޮޅަށެވެ.

ސާމީ ވިދާޅުވި ގޮތުގައި އޮކްޓޫބަރު 7 ގައި އިޒްރޭލު ސިފައިން ޣައްޒާގެ އާންމުންނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް 47 ދުވަސް ވެގެން ދިޔަ އިރު، ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 14000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރެއިން 67 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ސާމީ ވިދާޅުވި އެވެ.

ޔޫއެން ވިމެން އިން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން، ގެދޮރު ގެއްލި މަގުމަތިވެފައިވާ އަންހެނުންގެ އަދަދު މިހާރު ވަނީ 800000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 14530 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ޝަހީދުވި ކުޑަކުދިންގެ އަދަދު ވަނީ 6000 އަށް ވުރެ މަތިވެފަ އެވެ. އަދި އަންހެނުންގެ އަދަދު ވަނީ 4000 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދެމުން ދަނީ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި ކަމަށް ވިޔަސް، އިޒްރޭލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ، އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ. އޭގެ އިތުރުން ޣައްޒާގައި ހުރި ހޮސްޕިޓަލުތަކާއި ސްކޫލްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމިއްޔާތަކުގެ އިދާރާތަކާއި ގުދަންތަކަށް ވެސް އިޒްރޭލު ސިފައިން ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ޣައްޒާގައި ހަނގުރާމަ ކުރަމުން ދަނީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރާލައި 200 އަށް ވުރެ ގިނަ މީހުން އަސީރު ކުރުމާ ގުޅިގެންނެވެ. އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް "އަގްސާ ތޫފާން"ގެ ނަމުގައި އެ ދުވަހު ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، ހަމަ އެ ދުވަހު އިޒްރޭލުން ވަނީ "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ.