ޓްރަމްޕަށް ތާއީދު ކުރުމުން 20 އަހަރު އެކުގައި އުޅުނު ފިރިމީހާ ދޫކޮށްލައިފި
ޓްރަމްޕަށް ތާއީދު ކުރުމުން 20 އަހަރު އެކުގައި އުޅުނު ފިރިމީހާ ދޫކޮށްލައިފި

ވޮޝިންޓަން (ފެބްރުއަރީ 9) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރުމުން 20 އަހަރު އެކުގައި އުޅުނު ފިރިމީހާ، 73 އަހަރުގެ އަންހެނަކު ދޫކޮށްލައިފި އެވެ.

ރިޓަޔާކޮށްފައިވާ ކެލިފޯނިއާގެ ޖަލު ގާޑެއް ކަމަށްވާ ގޭލް މެކްކޯމިކް ބުނީ ރަހުމަތްތެރިންނާ އެކު ބޭއްވި މެންދުރުގެ ކެއުމެއްގެ ތެރޭގައި ވާހަކަ ދައްކަމުން، ޓްރަމްޕަށް ވޯޓު ދޭނެ ކަމަށް އޭނާގެ ފިރިމީހާ ބިލް މެކްކޯމިކް، 77، ބުނުމުން ބޮޑު ޝޮކެއް ލިބުނު ކަމަށެވެ.

"ފިރިމީހާ އެހެން ބުނުމުން ވަރަށް ބޮޑަށް ޝޮކް ޖެހުނު. ކައިވެނީގައި މައްސަލަ ޖެހެން ފެށި ހިސާބަކީ އެއީ. މި މައްސަލާގައި ކައުންސިލިން ވެސް ހޯދިން. ހައްލެއް ނުލިބުމުން އަހަރެން މިހާރު ދިރިއުޅެނީ ވޮޝިންޓަނުގައި ހުރި އަހަރެންގެ އެޕާޓްމަންޓުގައި ވަކިން،" ގޭލް ބުންޏެވެ.

ގޭލް އާއި ބިލް ފުރަތަމަ ދިމާވީ 1980 ވަނަ އަހަރު އެއް ޖަލެއްގައި ދެ މީހުން މަސައްކަތް ކުރި ދުވަސްވަރު އެވެ. އޭނާ ބުނީ ދިރިއުޅުމުގައި ޖެހޭ ބައެއް މައްސަލަތަކުގައި ހިމޭނުން ހުރި ނަމަވެސް ސިޔާސީ ކަންތަކާ ޖެހުނީމާ މަޑުން ނުހުރެވޭނެ ކަމަށެވެ.

ޓްރަމްޕާ މެދު ހިތްހަމަނުޖެހިގެން ދެމަފިރިއަކު ވަކިވެފައި މި ވަނީ އިމިގްރޭޝަން ސިޔާސަތަށް ޓްރަމްޕް ގެންނެވި ބަދަލާ ގުޅިގެން މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރުމާ ގުޅިގެން ގައުމު ބައިބައިވެފައިވާ ދުވަސްވަރެއްގަ އެވެ.

ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ކޯޓަކުން ހުއްޓުވާފައިވާތީ މިހާރު ކުރިއަށް ދަނީ އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުންތަކެވެ.