ޕޮލިސް އިންޓެލިޖެންސްގެ އިތުރު ވެރިންތަކެއް ބަދަލުކޮށްފި
ޕޮލިސް އިންޓެލިޖެންސްގެ އިތުރު ވެރިންތަކެއް ބަދަލުކޮށްފި

ފުލުހުންގެ އިންޓެލިޖެންސްގެ އެކި ދާއިރާތަކުގެ ވެރިން ބަދަލުކޮށްފި އެވެ.

އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ފަރީދު އިސްމާއިލް ދާދިފަހުން ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެ ޑިޕާޓްމަންޓުގެ އެކި ސެކްޝަންތަކުގެ ވެރިންތަކެއް ވެސް ވަނީ ބަދަލު ކޮށްފަ އެވެ. މިހާތަނަށް ހަ އޮފިސަރަކު ބަދަލު ކޮށްފައިވާ އިރު ބައެއް އޮފިސަރުންނަށް އެއްވެސް މަސްއޫލިއްޔަތެއް ހަވާލެއް ނުކުރެ އެވެ.

އާ ސަރުކާރުން މިހާތަނަށް އައިއިރު ފުލުހުންގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

އަދި މިހާތަނަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރި ނަމަވެސް ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ވަނީ އަންނަ ހޮނިހިރު ދުވަހު ރިޓަޔާ ކުރައްވަން ނިންމަވައިފަ އެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވެސް ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފަ އެވެ.