އެމެރިކާ އަށް ވަނުން މަނާކުރާ ލިސްޓަށް އިތުރު ގައުމުތައް އަވަހަަށް ލުމެއް ނެތް: ވައިޓްހައުސް
އެމެރިކާ އަށް ވަނުން މަނާކުރާ ލިސްޓަށް އިތުރު ގައުމުތައް އަވަހަަށް ލުމެއް ނެތް: ވައިޓްހައުސް

ވޮޝިންޓަން (ފެބްރުއަރީ 9) - އެމެރިކާ އަށް އެތެރެވުން މަނާކޮށްފައިވާ ހަތް ގައުމު ފިޔަވައި އެ ލިސްޓަށް އިތުރު ގައުމުތައް މާ އަވަހަށް ލުމުގެ ވިސްނުމެއް ނެތް ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިތުރު ގައުމުތަކުގެ މީހުންނާ މެދު ވިސްނަމުން ދިޔަ ނަމަވެސް ހަތް ގައުމު ފިޔަވައި އެހެން ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން އަވަސް މުއްދަތެއްގައި މަނާ ނުކުރާނެ ކަމަށެވެ.

ޚިޔާލު ތަފާތުވެފައިވާ ޓްރަމްޕުގެ އަމުރާ ގުޅިގެން އެމެރިކާ އަށް 90 ދުވަހަށް އެތެރެވުން މަނާކޮށްފައި ވަނީ އިރާގު، ސީރިއާ، އީރާން، ސޮމާލިއާ، ލީބިއާ، ސޫދާން އަދި ޔަމަނު މީހުންނެވެ. މި ލިސްޓަށް ޕާކިސްތާން އިތުރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ކުރިން ވަނީ ފެތުރިފަ އެވެ. ޓްރަމްޕުގެ މި އަމުރަށް އަމަލް ކުރުން ވަނީ ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުން ހުއްޓުވައިފަ އެވެ. ފަނޑިޔާރު ނިންމާފައި ވަނީ މިއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ. މި މައްސަލަ މިހާރު އޮތީ އިސްތިއުނާފް މަރުހަލާގަ އެވެ. ދެ ފަރާތުން ވެސް ހެކި ހުށަހަޅަމުންދާ އިރު ފަނޑިޔާރުން ވެސް ދަނީ ވަރުގަދަ ސުވާލުތައް ކުރިމަތި ކުރަމުންނެވެ.

ސްޕައިސާ ވިދާޅުވީ ސަލާމަތުގެ އައްސޭރިއަކަށް އެމެރިކާ ގެންދިއުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ޓްރަމްޕް އަޅުއްވާނެ ކަމަށެވެ. އަދި އެމެރިކާ އަށް މީހުން އަންނަ ބައެއް ގައުމުތަކުގެ ސްކްރީން ކުރުމުގެ އުސޫލް ހަރުދަނާތޯ ބަލާނެ ކަމަށާއި އެ ގައުމުތަކަށް އެމެރިކާގެ ގެރެންޓީ ނެތް ނަމަ އެމެރިކާ އިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.