ދަރަނި ބޮޑުވެ އޮފީސްތައް އޮތީ ނުހިންގޭ ހާލަތުގައި!
ދަރަނި ބޮޑުވެ އޮފީސްތައް އޮތީ ނުހިންގޭ ހާލަތުގައި!

ކުރީ ސަރުކާރުން އެކި މިނިސްޓްރީތަކުން މަސައްކަތްތައް ކުރުވައި، އެކިފަރާތްތަކަށް ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ދަރަނީގެ ގޮތުގައި އެބަހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އޭގެ ތެރެއިން އެއް މިނިސްޓްރީގެ މިނިސްޓަރަކު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގައި އެކަނި ވެސް 145 މިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ.

"އެ ދައްކާފައި ނޫނީ އެހެން ކަމެއް ކުރެވޭކަށް ވެސް ނެތް. އަޅުގަނޑުމެން މި ބަލަނީ އެ ފައިސާ ވީހާ އަވަހަކަށް ހަލާސްކުރެވޭތޯ،" ނަން ނުޖަހަން އެދިވަޑައިގެން އޭނާ ވިދާޅުވި އެވެ.

"މި މިނިސްޓްރީ ވެފައި މިއޮތީ ޕްރޮޖެކްޓްތައް ހިންގާ ތަނަކަށް ބަދަލުވެފައި. ސަތޭކަ ފަންސާހަށް ވުރެ ގިނަ ޕްރޮޖެކްޓް ސީދާ މިތަނުން އެބަ ހިންގާ. އެއީ ހަގީގަތުގައި އެކަން ކުރަން ޖެހޭ ގޮތެއް ނޫން."

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް އެކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ސްކޫލުތައް މަރާމާތުކުރުމާއި ކްލާސްރޫމުތައް އެޅުމަށް ފަހު އޭރުގެ ސަރުކާރުން އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ވެސް 107 ޕްރޮޖެކްޓަކަށް ފައިސާ ނުދައްކާ އެބައޮތް ކަމަށާއި އެ ކުންފުނިތަކަށް ދައްކަންޖެހޭ އަދަދު 106 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

ނަމަވެސް، މިނިސްޓަރު ވިދާޅުވީ ދަރަނި ދައްކާނެ ފައިސާއެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން އަތުގައި މިހާރު ވެސް ފައިސާއެއް ނެތް. ސަޕްލިމެންޓްރީ ބަޖެޓުން ފަންސާހަކަށް މިލިއަން ރުފިޔާގެ އެލޮކޭޝަން ލިބުނު ކަމުގައިވިޔަސް ބޮޑު އަދަދެއްގެ ފައިސާ އެބަހުރި އަޅުގަނޑުމެން ދައްކަންޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިނިސްޓްރީން ބަޖެޓު ހަމަޖައްސައި ނުދީގެން ފާއިތުވި ތިން އަހަރު ރާއްޖޭގެ ގިނަ ސްކޫލުތައް މަރާމާތެއް ވެސް ނުކުރެ އެވެ.

ޝަފީއު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއް މެޕްކޮށް، އެތަންތަނަށް ބޭނުންވާ މަރާމާތުތަކާއި ސާމާނު ދެނެގަތުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެހެން ބައެއް މިނިސްޓްރީތަކުން ހިންގާފައިވާ އެތައް ބައިވަރު މަޝްރޫއެއްގެ ފައިސާ ވެސް ހުރީ ނުދީ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، މަގާމުން ވަކިވެވަޑައިގަތުމުގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ރަނގަޅަށް ދެއްކިޔަސް، ކޭޝްފްލޯ މެނޭޖްކުރުމުގައި ސަރުކާރަށް އޮތީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

ކުރީ ސަރުކާރުގެ އޮފީސްތަކުގައި ކިހާ ދަރަންޏެއް އެބަހުރިތޯ އާ ފިނޭންސް މިނިސްޓަރު މުހަންމަދު ޝަފީގާ ސުވާލު ކުރުމުން އޭނާ މިއަދު ވިދާޅުވީ އެކަން ދެނެގަތުމަށް މިހާރު މައުލޫމާތުތައް އެއްކުރަމުން އަންނަ ކަމަށާއި އެކަމަކު އެތައް މިލިއަން ރުފިޔާއެއްގެ ދަރަނި ހުރި ކަމަށް މިހާރު ވެސް ބެލެވޭ ކަމަށެވެ.