23 ނޮވެމްބަރ 2023 - 10:47

ކިޔެވުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ސްކޫލުގައި ހަރަކާތްތައް ހިންގަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަންގަވައިފި އެވެ.
ސްކޫލުތަކަށް އިއްޔެ ފޮނުވި ސާކިއުލާގައި މިނިސްޓަރު ވިދާޅުވީ ކިޔެވުމާއި ކިޔަވައިދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ގައުމީ މަންހަޖުގައި އެ ދުވަހެއްގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަކޮށް ކިޔަވައިދިނުމަށް ކަމަށެވެ.
އެކަމަކު ސްކޫލުގެ ރަސްމީ ދަންފަޅީގެ ތެރެއަށް ވަންނަ ގޮތަށް ބައެއް ހަރަކާތްތައް ބާއްވާ ކަމަށާއި އޭގެ ސަބަބުން މުގައްރަރުގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް ކިޔަވައިނުދެވޭ ކަމަށް ސާކިއުލާގައި ވެ އެވެ.
އެހެންވެ، ގާބިލިއްޔަތުތަކާއި އަގުތަކާއި ސިފަތައް އުނގަންނައިދިނުން ތަރުތީބުވެގެން ނުދިއުމާއި މުގައްރަރު ފުރިހަމަކުރުމަށާއި މަގުސަދު ހާސިލްކޮށްދިނުމަށް ޓާމުގެ ފަހުކޮޅު އިތުރު ގަޑިތަކަށް ދަރިވަރުން ސްކޫލަށް ގެންދަން ޖެހުމާއި އެއްފަހަރާ ފިލާވަޅުތައް ދޭންޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ، އުނގެނުމާއި އުނގަންނައދިނުން ކުރިއަށް ގެންދިއުން އެކަށީގެންވާ ގޮތަކަށްނުވާހިނދު، މިކަމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވެ، ގައުމީ މަންހަޖުގައި ބަޔާންކުރާ މަގުސަދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރުމަށް ހުރަސްއެޅެ އެވެ،"
"ވީމާ، ސްކޫލުގައި ބާއްވާ ހަަކާތްތަކާ ގުޅިގެން، ދަރިވަރުންގެ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތްތައް ތަރުތީބުކުރުމަށް ދަންނަވަމެވެ." ސާކިއުލާގައި ވެ އެވެ.
ކިޔަވައިދިނުމުގެ ވަގުތަށް ބުރޫނާރާ ގޮތަށް އިތުރު ހަރަކާތްތައް ހިންގަން އެންގިއިރު، އާ މަންހަޖުގެ މަގުސަދުތައް ހާސިލްކޮށްދިނުމުގެ ބޭނުމުގައި ސްކޫލުގެ އިތުރު ހަރަކާތްތައް އެތައް ގުނައަކުން އިތުރުވެފައިވާ ކަމަށް ބައެއް ޓީޗަރުން ބުނެ އެވެ.
އެކަމާ ހެދި، ދަރިވަރުންނާއި ޓީޗަރުން ވެސް ސްކޫލުގައި ގިނަ ވަގުތު ހޭދަކުރަންޖެހެ އެވެ.