22 ނޮވެމްބަރ 2023 - 20:41

ރައްޔިތުންގެ މަޖިލީހުގެ މެޖޯރީޓީ ޕާޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރަކަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) މިރޭ އިންތިހާބު ކޮށްފި އެވެ.
އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އިންތިހާބު ކުރުމާ ގުޅިގެން ލީޑަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.
އެހެންވެ، ޕީޖީ ލީޑަރު ކަމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ބިގޭގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ވެސް ކުރިމަތިލެއްވި އެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގަިއ ނެގި އެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ބިގޭ އަށް 28 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޖާބިރު 20 ވޯޓު ހޯއްދެވި އެވެ. މެންބަރު ޣަނީ އަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވެސް ވަކިކުރުމަށް އެ ޕާޓީން މައްސަލައެއް ވައްދާފައިވާ އިރު ނައިބުގެ މަގާމަށް ވެސް އެމްޑީޕީގެ އިސް މެންބަރަކު ކުރިމަތިލައްވާނެ ކަމަށް ބެލެވެ އެވެ.