ތޮލާލް ޕީޕީއެމުން ވަކިވެވަޑައިގެންފި
ތޮލާލް ޕީޕީއެމުން ވަކިވެވަޑައިގެންފި

ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޔަން ކުރެއްވުމާ ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ޕީޕީއެމުން އިއްޔެ ވަކިވެވަޑައިގެންފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން، އެ ޕާޓީ ހިންގުމުން ވަގުތީ ކޮމިޓީއަކާ ހަވާލުކުރެއްވި މައްސަލަ ހޫނުވެ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ތޮލާލްގެ މަގާމުގެ މަސްއޫލިއްޔަތުތަކަށް ސުވާލު އުފައްދަމުން ދަނިކޮށް ނޫސްވެރިއަކު ސުވާލު ކުރުމުން ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންސް (އީސީ) ގައި އަމިއްލަ އަށް އެދިވަޑައިގެން ތޮލާލް ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.

އެއީ އެ ޕާޓީގައި ނުހުރެވޭނެ މަގާމަކަށް ވަޑައިގަންނަވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގާނޫނު ބުނާ ގޮތުން ސްޕޯޓްސް ކޮމިޝަނަރު އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެގެން ނުވާނެ އެވެ.

ޕީޕީއެމް ހިންގުމާ ތޮލާލް އުޒުރުވެވަޑައިގެންފައިވާ ކަމަށް އެ ޕާޓީ ހިންގަން ޔާމީން ނެންގެވި ސްޓިއަރިން ކޮމިޓީގެ މެމްބަރުން ރޭ ވިދާޅުވި އެވެ. އެކަމަކު، އެ ވާހަކަތައް ތޮލާލް ރޭ ދޮގުކުރެއްވި އެވެ.

ތޮލާލް "މިހާރު" އަށް ރޭ ވިދާޅުވި ގޮތުގައި، ޕީޕީއެމް ހިންގުމުގައި އޭނާ އުޒުރުވެވަޑައިގެންފައިވާ ކަމަށް މެމްބަރު އައްބާސް އާދިލް ރިޒާ ވިދާޅުވީ ކަނޑައެޅިގެން ދޮގެކެވެ.

ތޮލާލް، ޕީޕީއެމުން ވަކިވެޑައިގަތީ ސްޕޯޓްސް ކޮމިޝަނަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން އިއްޔެ އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ތޮލާލަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.