މަޖިލިހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީއަކަށް ޕީއެންސީ، ޕީޖީ ލީޑަރަކީ ފަޒުލް
މަޖިލިހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީއަކަށް ޕީއެންސީ، ޕީޖީ ލީޑަރަކީ ފަޒުލް

ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ހިންގާ ޕާޓީ ތަމްސީލު ކުރާނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށް މިއަދު އިއުލާނުކޮށް، އެ ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރަކަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަންކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލު ކުރައްވާނެ ޕީޖީ ލީޑަރު ކަމަށް ފަޒުލް ހަމަޖައްސާފައިވާ ކަން އެ ޕާޓީން އަންގާފައިވާ ކަމަށެވެ.

ރައީސްކަމުގެ މަގާމާ މިދިޔަ ހުކުރު ދުވަހު ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެ ޕާޓީގެ ރައީސަކަށް ވެސް ޑރ. މުއިއްޒު ވަނީ ކަނޑައަޅައިފަ އެވެ.

އާ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ވަޒީފާތަކަށް ވަޑައިގަތުމަށް ބައެއް މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޕީއެންސީގައި މިވަގުތު ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެކެވެ. އެއީ ފަޒުލްގެ އިތުރުން އެންމެ ފަހުން އެ ޕާޓީ އަށް ސޮއިކުރެއްވި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

އިސްތިއުފާ ދެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ ތިން މެންބަރަކާއި ޕީޕީއެމްގެ ދެ މެންބަރުންގެ އިތުރުން އެމްއެންޕީގެ މެންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަފުތަރު މިހާރު އެކުލަވާލާފައި ވަނީ އެމްޑީޕީގެ 56 މެންބަރުންނާއި ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުންނާއި ޕީއެންސީގެ ދެ މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖޭޕީގެ ދެ މެންބަރުން އަދި މިނިވަން ހަތަރު މެމްބަރުން ހިމަނައިގެންނެވެ.

ވެރިކަން ލިބުމާ އެކު، ޕީއެންސީން އަންނަނީ އެ ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފުޅާކޮށްފަ އެވެ.