22 ނޮވެމްބަރ 2023 - 08:18

ދިރާގު އިންވިޓޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް 2023 ގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އެ ކުންފުނިން ސޮއިކޮށްފި އެވެ.
ޓެނިސް އެސޯސިއޭޝަނާ ގުޅިގެން ބާއްވާ އެ މުބާރާތުގައި ރާއްޖޭގެ ޕްރައިމަރީ ސްކޫލްތަކުން 100 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވާނެ އެވެ. ދެން ކުޅޭނީ ބަންގްލަދޭޝް އާއި އިންޑިއާ އާއި ސްރީ ލަންކާ އަދި ތައިލެންޑުގެ ކުޅުންތެރިންނެވެ.
ދިރާގުގެ ޑިރެކްޓަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ޓެނިސް ޗެމްޕިއަންޝިޕަށް އެ ކުންފުނިން އެހީތެރިވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށާއި ކުޅުންތެރިންގެ ހުނަރުވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ މާހައުލެއް ގާއިމު ކުރުމަށް ކަމަށެވެ. އެ މުބާރާތުގެ ސަބަބުން ދިވެހި ކުޅުންތެރިން ބާރުވެރިކުރުވައި، ބައިނަލްއަގްވާމީ މައިދާނުތަކުގައި އެ ކުޅުންތެރިންގެ ހުނަރު ދެއްކޭނެ ޕްލެޓްފޯމެއް ގާއިމު ވާނެ ކަމަށް ވިދާޅުވި އެވެ.
ޓެނިސް އެސޯސިއޭޝަންގެ ޑިވެލޮޕްމެންޓް ޑިރެކްޓަރު، އިގްނާޒް މަންސޫރު ވިދާޅުވީ، އެއީ ދިވެހި ކުޅުންތެރިންގެ ހުނަރު އިތުރަށް ކުރިއަރުވައި، ސަރަހައްދީ ކުޅުންތެރިންނާ ވާދަކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. ދިރާގުން ދެމުން އަންނަ އެހީތެރިކަމާ އެއްބާރުލުން އޭނާ ފާހަގަކުރެއްވި އެވެ.
ދިރާގުން އަންނަނީ ދިވެހި އެތުލީޓުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.