22 ނޮވެމްބަރ 2023 - 10:02

ޖަޕާނު ސަރުކާރުން ދޭ، ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)އަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ހަމަވާނެ ކަމަށް ޖޭޑީއެސްއިން ބުނެފި އެވެ.
ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި މާސްޓާސް ހަދަން އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށެވެ.
މި ސްކޮލާޝިޕްގެ ދަށުން މާސްޓާސް ޑިގްރީއަށް ހުޅުވާލާފައި ވަނީ ޔުނިވާސިޓީ އޮފް ސުކުބާއިން މާސްޓާސް ޕްރޮގްރާމް އިން އެންވަޔަރަމަންޓަލް ސައިންސަސްސާއި ނެޝަނަލް ގްރެޖުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް އިން މާސްޓާސް އޮފް ޕަބްލިކް ޕޮލިސީ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަނުންނެވެ. އަދި ރިޓްސުމެއިކަން ޔުނިވާސިޓީން މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
މި ސްކޮލާޝިޕްގައި ކޮންމެ ޔުނިވާސިޓީއަކުން ވެސް ލިބޭނީ ދެ ފުރުސަތެވެ. ކިޔެވުމުގެ ހުރިހާ ހަރަދަކާއި ދަތުރުގެ ހަރަދުތަކުގެ އިތުރުން، ޖަޕާނުގައި ދިރިއުޅުމާއި އެނބުރި ރާއްޖެ އައުމުގެ ހުރިހާ ހަރަދެއް ވެސް ދޭން ނިންމާފައި ވަނީ ޖަޕާނު ސަރުކާރުންނެވެ.
މި ސްކޮލާޝިޕް ރާއްޖެއަށް ދިނުމުގެ ބޭނުމަކީ ސަރުކާރުގެ އިދާރީ ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެކި އިދާރާތަކުގެ މުވައްޒަފުންނަށް މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީީ، އެ މުވައްޒަފުންނަކީ ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައި ފުރިހަމައަށް ބައިވެރިވާ ގައުމީ ތަރައްގީގައި އިސްދައުރެއް އަދާކުރާނެ ބަޔަކަށް ހެދުމެވެ.
ދިވެހިންނަށް އެކަނި ކުރިމަތިލެވޭނެ މި ސްކޮލާޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅޭނީ އެޕްރީލް، 1، 2024 އާ ހަމައަށް 22 އަހަރު ފުރިފައިވާ އަދި 39 އަހަރު ނުފުރޭ މީހުންނަށެވެ.
ސްކޮލާޝިޕަށް ހުށަހެޅޭނީ ދިވެހި ސަރުކާރުން ބަލައިގަންނަ ބެޗްލާސް ޑިގްރީއެއް އޮންނަ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ ދާއިމީ މުވައްޒަފުންނާއި ކޯޓުތަކާއި ކޯޓުތަކާއި ގުޅުން ހުރި އިދާރާތަކުގެ ދާއިމީ މުވައްޒަފުންނެވެ. އަދި މި ފަރާތްތަކަކީ މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފުލްޓައިމްކޮށް މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް ވާނެ ޖެހެ އެވެ.
މި ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު ޖޭޑީއެސްގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.
ވެބްސައިޓް ލިންކު: https://jds-scholarship.org/country/maldives/index.html