21 ނޮވެމްބަރ 2023 - 22:44

ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކުރައްވާފައިވާއިރު، ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެއާ އެކު ސޮއިކުރަން ސައުދީގެ ކެބިނެޓުން މިއަދު ފާސްކޮށްފި އެވެ.
ސައޫދީގެ ގައުމީ ނިއުސް އެޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ގޮތަށް ފާސްކުރީ، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގަ އެވެ.
ނިއުސް އެޖެންސީ "ވާސް" އިން ބުނީ، ވިޔަފާރީގެ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ އެކު ކުރިއަށް ގެންދަވާނީ ސައޫދީ އަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށެވެ.
ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި މުހިންމު 15 ނިންމުމެއް ނިންމި ކަމަށް ސައޫދީގެ ގައުމީ ނިއުސް އެޖެންސީން ބުންޏެވެ.
ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅާ ގުޅޭ ތަފުސީލްތައް ދެ ގައުމުގެ ސަރުކާރުން ވެސް އަދި ހާމައެއް ނުކުރެ އެވެ.