21 ނޮވެމްބަރ 2023 - 19:21

ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އައްޔަންކޮށްފި އެވެ.
ހަލީމަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްޕީއެލް އާއި އެމްޓީސީސީ އާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ހަލީމް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯއަކަށް މިއަދު ހަމަޖައްސާފައިވާއިރު އެ ހޮސްޕިޓަލްއާ އެކު އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވީ އިބްރާހިމް ސަލީމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގާ "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް"ގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑް" އަށް ބަދަލުކޮށްފަ އެވެ.
މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑަކީ، ރައީސްގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެމަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބޯޑު އިދާރީ ގޮތުން ހިނގަމުންދާނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ބޯޑު އަލުން އެކުލަވާލަން ވެސް ރައީސް މިއަދު ވަނީ ނިންމަވައިފަ އެވެ.