ސިޓީން މުސާރަ ނުދޭކަމަށް ބުނެ މެންޑީ މައްސަލަ ހުށަހަޅައިފި
ސިޓީން މުސާރަ ނުދޭކަމަށް ބުނެ މެންޑީ މައްސަލަ ހުށަހަޅައިފި

މެންޗެސްޓާ (ނޮވެމްބަރު 21) - މެންޗެސްޓާ ސިޓީން ސަސްޕެންޑްކޮށްފައި ހުރި، ބެންޖަމިން މެންޑީ އަށް މުސާރަ ނުދޭކަމަށް ބުނެ އޭނާ މައްސަލަ ހުށަހަޅައިފި އެވެ.

މެންޑީގެ ލޯޔަރު ވަނީ އެކަން މީޑީއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

އޯގަސްޓް 2021 ގައި ސިޓީން، ފްރާންސްގެ ޑިފެންޑަރު ސަސްޕެންޑް ކުރީ ރޭޕްގެ ތުހުމަތު ކުރެވުމުންނެވެ. އޭނާ އަށް ލިބެންޖެހޭ ފައިސާ ނުދޭން ސިޓީން ނިންމީ ޖެހިގެން އައި ސެޕްޓެމްބަރު މަހު އެވެ.

ސިޓީގެ ކޮންޓްރެކްޓް ހަމަވުމުން، އޭނާ ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ފްރާންސް ލީގުގެ ލޮރިއެންޓަށް ހިލޭ ޓްރާންސްފާގައި ބަދަލުވެފަ އެވެ.

މެންޑީގެ ފަރާތުން މައްސަލަގައި ވަކާލާތުކުރަމުން އަންނަ ވަކީލް، ނިކް ޑި މާކޯ ކޭސީ ބުނީ މެންޑީ އަށް ދޭން ޖެހޭ އުޖޫރަ، ހުއްދަ ނެތި އުނިކުރުމުން މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއް ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"ސެޕްޓެމްބަރު 2021 އިން ފެށިގެން މެންޗެސްޓާ ސިޓީން ވަނީ މެންޑީގެ މައްޗަށް އެކި ކުށްތަކެއްގެ ދައުވާ އުފުލުމާ ގުޅިގެން، މެންޑީގެ އުޖޫރަ ވަނީ ހިފަހައްޓާފަ. ޖޫން 2023 ގައި އޭނާގެ ކޮންޓްރެކްޓް ނިމުމާ ހަމައަށް މެންޑީ އަށް އެއްވެސް އުޖޫރައެއް ނުދިން މައްސަލަ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި،" ރޮއިޓާސް އަށް ފޮނުވި އީމެއިލްގައި ނިކް ޑި މާކޯ ބުންޏެވެ.

މޮނާކޯ އިން 2017 ގައި ސިޓީ އަށް ސޮއިކުރި މެންޑީ ވަނީ ޕްރިމިއާ ލީގުގެ ކްލަބަށް 75 މެޗު ކުޅެފަ އެވެ. އެ މުއްދަތުގައި އެ ކްލަބުން ހޯދި ތިން ތަށީގައި އޭނާ ހިއްސާވި އެވެ. ސިޓީއަށް އޭނާ އެންމެ ފަހުން ކުޅުނު މެޗަކީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗެވެ.