21 ނޮވެމްބަރ 2023 - 13:05

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ އަލަށް ގުޅޭ މެމްބަރުންގެ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތަށް އެ ޕާޓީގެ ވަގުތީ އޮފީހެއް ރޭ މާލޭގައި ހުޅުވައިފި އެވެ.

ޕީއެންސީ އުފެދުނީއްސުރެ އެ ޕާޓީގެ އިދާރީ ހުރިހާ މަސައްކަތެއް ކުރަމުން އައީ ޕީޕީއެމްގެ އޮފީހުގަ އެވެ.
އެކަމަކު މެމްބަރުން އިތުރުކުރުމުގެ މަސައްކަތަށް އެ ޕާޓީގެ ވަގުތީ އޮފީހެއް ހުޅުވީ ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ރެސްޓޯރެންޓުގެ އިމާރާތުގެ ތިރީގަ އެވެ. އެތަނަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކެމްޕެއިން ހަރަކާތްތައް ހިންގަން ޖަގަހައެއްގެ ގޮތުގައި ވެސް ބޭނުންކުރި ތަނެކެވެ. އެ އޮފީހުގެ ބޭރުގައި ޕީއެންސީގެ ނަން ބޯޑު ވެސް މިހާރު ވަނީ ޖަހައިފަ އެވެ.
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު "މިހާރު" ވިދާޅުވީ އެ ޕާޓީގެ އޮފީހެއް ވަގުތީ ގޮތުން ހުޅުވަން ޖެހުނީ ޕާޓީ އަށް އަލަށް ގުޅޭ މެމްބަރުންގެ ފޯމުތައް ޕްރޮސެސްކުރުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ބައެއް މަސައްކަތް ކުރުމަށް ބޭނުންވާ ޖާގަ ނެތުމުން ދަތިތަކެއް ކުރިމަތި ވާތީ ކަމަށެވެ.
"ނަމަވެސް އަދިވެސް މި ޕާޓީގެ ރަސްމީ އޮފީހަކީ ޕީޕީއެމްގެ އޮފީސް،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގަ އެވެ.
އެ އިންތިހާބުގެ ކެމްޕެއިންގައި ޕީޕީއެމާއި ޕީއެންސީން ކޯލިޝަނެއް ހަދައިގެން މަސައްކަތް ކުރި ނަމަވެސް، އިންތިހާބު ކާމިޔާބުވި ފަހު އަދި އިންތިގާލީ މަރުހަލާގެ މަސައްކަތް ހިނގި ދުވަސްވަރު ވަކި ޕާޓީއެއްގެ ގޮތުގައި ޕީއެންސީގެ ހަރަކާތްތައް ފުޅާކުރަން ވަނީ ފަށައިފަ އެވެ. މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވެސް ފެށީ އެ މަރުހަލާ ތެރޭގަ އެވެ.
ޕީޕީއެމް އާއި ޕީއެންސީއާ ދެމެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް އަޑު ފެތުރިފައި ވިޔަސް، މިހާތަނަށް ވެސް ދެ ޕާޓީގެ ލީޑާޝިޕުން އެ ކަހަލަ ވާހަކައެއް ނުދައްކަ އެވެ.
ޖެނުއަރީ 9، 2019 ގައި އުފެއްދި ޕީއެންސީގައި 3،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.