08 ފެބުރުއަރީ 2017 - 16:22

ކޭޕް ޓައުން (ފެބްރުއަރީ 8) - ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 440 ސިފައިން ޕާލަމެންޓަށް ވައްދަން ނިންމައިފި އެވެ.
ޒުމާ ވިދާޅުވީ ރިޔާސީ ބަޔާން އިއްވާ ކޮންމެ ފަހަރަކު އިދިކޮޅު ފަރާތްތަކުން ޕާލަމެންޓް ހަލަބޮލިކޮށް ނުލެވޭނެ ކަމަށެވެ. ރައީސްގެ ނިންމެވުން އިދިކޮޅު ޕާޓީތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެއީ "ހަނގުރާމަ އިއުލާން ކުރުން" ފަދަ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
އިދިކޮޅު ޑިމޮކްރެޓިކް އެލަޔަންސް އިން ބުނެފައި ވަނީ ޒޫމާގެ ނިންމުމާ ގުޅިގެން ޕާލަމެންޓުގެ ރައީސްއާ ބައްދަލު ކުރުމަށް އެދިފައިވާ ކަމަށެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނަނީ ރައީސްގެ އަމުރަށް ސިފައިން ފޮނުވާނެ ތަންތަނާއި ހާލަތު އަދި ވަގުތު، ދެކުނު އެފްރިކާގެ ގާނޫނު އަސާސީ އާއި ޑިފެންސް އެކްޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޕާލަމެންޓަށް ސިފައިން ވެއްދޭނީ ވަރަށް ޚާއްސަ ހާލަތެއްގައި ފުލުހުންނާ އެކު ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ޕާލަމެންޓަށް ސިފައިން ފޮނުވާ ސަބަބު ކުރިން އަންގަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަނެއް ބަޔަކު ބުނަނީ ރައީސް ޒޫމާގެ ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. ގާނޫނީ ތަޖްރިބާކާރުން ބުނަނީ މިއީ ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ ތެރެއަށް ވަދެގަތުން ކަމަށެވެ.
މީގެ ކުރިން ޕާލަމެންޓުގައި ޒޫމާ ތަގްރީރު ދެއްވި އިރު އިިދިކޮޅު މެންބަރުން ވަނީ އަޑުގަދަކޮށް ރައީސްގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ. ރައީސް ޒޫމާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ވަރަށް ގިނަ ތުހުމަތުތައް ކޮށްފަ އެވެ.