ގާޒާގެ އިންޑޮނީޝިޔާ ހޮސްޕިޓަލު އިޒްރޭލުން ހިސޯރުކޮށްފި
ގާޒާގެ އިންޑޮނީޝިޔާ ހޮސްޕިޓަލު އިޒްރޭލުން ހިސޯރުކޮށްފި

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޑޮނީޝިޔާ ހޮސްޕިޓަލުގެ ވަށައިގެން ހުރި އިމާރާތްތަކަށް ބޮމާއި މިސައިލުން ދިން ހަމަލާތަކުގައި އެ ތަންތަން ބިމާ ހަމަކޮށްލުމަށް ފަހު، އިޒްރޭލު ސިފައިންގެ ޓޭންކުތައް އެ ހޮސްޕިޓަލުގެ ވަށައިގެން ރުކުރުވާލައި ހޮސްޕިޓަލު ހިސޯރުކޮށްފި އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާރު ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ އެ ހޮސްޕިޓަލުގައި މިހާރުވެސް ސިއްހީ ޚިދުމަތްތެރިންގެ 700 އެއްހާ މީހުން ޚިދުމަތް ދިނުމުގައި އެބަ ތިއްބެވެ. މި ހޮސްޕިޓަލު ހިސޯރު ކުރުމަށް ރޭ އިޒްރޭލު ސިފައިން ހިންގި އުދުވާނުގެ ތެރޭގައި ފަލަސްތީނުގެ 12 މީހަކު ޝަހީދުކޮށްލި އެވެ.

އިންޑޮނީޝިޔާ ހޮސްޕިޓަލު ކައިރި އަށް އިޒްރޭލުގެ ޓޭންކުތައް އައުމާއެކު، ހޮސްޕިޓަލުގައި ތިބި ބައެއް މީހުން އެ ތަނުން ނުކުމެގެން ދާން މަސައްކަތް ކުރުމުން، އިޒްރޭލު ސިފައިން ވަނީ އެމީހުންނަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފަ އެވެ. އަދި ހޮސްޕިޓަލުގެ ދެ ފަރާތު ދޮރޯށި ކައިރީގައި އިޒްރޭލުގެ ޓޭންކުތައް ޕާކް ކުރުމަށް ފަހު، އެ ތަނަށް އެއްވެސް މީހަކު ވަދެނުކުތުން ވަނީ މަނާކޮށްފަ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން ބަރު ހަތިޔާރާއެކު އިންޑޮނޭޝިޔާ ހޮސްޕިޓަލުގެ ކައިރީގައި މިހާރު ހަރަކާތްތެރިވަމުންދާ ގޮތުން، ޝިފާ ހޮސްޕިޓަލުގައި އަމަލު ކުރި ގޮތަށް އިންޑޮނީޝިޔާ ހޮސްޕިޓަލުގައި ވެސް ކަންތައް ކޮށްފާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފަ އެވެ. ހޮސްޕިޓަލު ހިސާރުކުރުމުގެ ތެރޭގަޔާއި ހޮސްޕިޓަލުން ނުކުތް މީހުންނަށް ދިން ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ހަށިތައް މިހާރު ވެސް ހުރީ ހޮސްޕިޓަލުގެ ބޭރު ސަރަހައްދުގަ އެވެ.

ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިންޑޮނީޝިޔާ ހޮސްޕިޓަލުގެ ކައިރީގައި މިހާރު ހުރި، ހަލާކުވެފައިވާ އިމާރާތްތަކުގައި އިޒްރޭލުގެ ސްނައިޕަރުން ތިބެގެން ހޮސްޕިޓަލުގެ ބޭރު ސަރަހައްދުގައި ހަރަކާތްތެރިވާ ކޮންމެ މީހަކަށް ދަނީ ހަމަލާ ދެމުންނެވެ. އަދި ސްނައިޕަރުން ހަމަލާ ދޭތީ، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނަގަން ދާ އެމްބިއުލާންސްތަކަށް ވެސް އެކަން ނުކުރެވޭ ކަމަށް ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 13000 އަށް ވުރެ މަތިވެފައިވާ އިރު، 6000 އަށް ވުރެ ގިނައީ ކުޑަކުދިންނެވެ. އަދި ޝަހީދުވި މީހުންގެ ތެރޭގައި 3500 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވެފައިވާ މީހުންގެ އަދަދު 30000 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ 75 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ކަމަށް ބެލެވެ އެވެ.