20 ނޮވެމްބަރ 2023 - 21:27

އިޒްރޭލުގެ އާގުބޯޓެއް ކަނޑުމަތިން ހުއްޓުވައިގެން ޔަމަންގެ އައްސޭރިއަށް ގެންގޮސްފައިވާ ކަމަށް، ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަކުރާ ހޫތީ ހަނގުރާމަވެރިން އިއްޔެ ބުނެފި އެވެ.
ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ އިއްޔެ ބުނި ގޮތުގައި ޔަމަންގެ ހަތިޔާރު އެޅި ލަޝްކަރުގައި ހިމެނޭ ކަނޑުގެ ސިފައިންގެ ފައުޖަކުން އިއްޔެ ވަނީ ރަތް ކަނޑުގައި ހާއްސަ އަސްކަރީ ހަރަކާތެއް ހިންގައިފަ އެވެ. އެ ހަރަކާތުގައި ހާސިލުކުރެވުނު އެއް ކަމަކީ، އިޒްރޭލުގެ އާގުބޯޓެއް އަތުލައިގަނެގެން ޔަމަންގެ އައްސޭރިއަށް ގެންދިއުން ކަމަށް އޭނާ ބުންޏެވެ.
އަތުލައިގަތީ އިޒްރޭލުގެ ބޯޓެއް ކަމަށް ބުންޏަސް، އެ ބޯޓުގައި ތިބީ ކިތައް މީހުންކަމެއް އަދި އެއީ ކޮން ގައުމުތަކެއްގެ ބައެއް ކަމެއް ވެސް ހޫތީން ނުބުނެ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދުން ފެންނަ އުޅަނދުތަކުގެ ތެރެއިން އިޒްރޭލުގެ ކޮންމެ އުޅަނދެއް އަދި އިޒްރޭލާ އެކުގައި ވިޔަފާރީގައި ބައިވެރިވާ ކޮންމެ އުޅަނދަކީ ވެސް، ހަނގުރާމަވެރިންގެ އަމާޒެކެވެ.
ހޫތީން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޒްރޭލުގެ އުޅަނދުތަކާއި އިޒްރޭލާ އެކުގައި ވިޔަފާރީގައި ބައިވެރިވާ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އުޅަނދަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ ޖަމާއަތުން ބުނެ އެވެ. އަދި ޣައްޒާގައި އިޒްރޭލު ސިފައިން މިހާރު ފަށައިގެން އުޅޭ އަސްކަރީ އުދުވާންތައް ހުއްޓައިލުމާ ހަމައަށް، އިޒްރޭލުގެ އުޅަނދުތަކަށް ފާރަލައި ބަލަމުންދާނެ ކަމަށް ވެސް ހޫތީން ބުނެ އެވެ.
އެހެންކަމުން، ރަތް ކަނޑުގެ ސަރަހައްދުގައި ބޯޓުދަތުރުކުރުމުގައި އުޅޭ އެކި ގައުމުތަކުގެ މީހުން ވެސް، އިޒްރޭލުގެ ބޯޓުތަކުގަޔާއި އިޒްރޭލާ އެކުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގައިދޭ ބޯޓުތަކުގައި މަސައްކަތް ކުރުން ހުއްޓައިލުމަށް އެ ޖަމާއަތުން ވަނީ އިންޒާރުކޮށްފަ އެވެ.
ރަތް ކަނޑުގައި ބައިނަލްއަގުވާމީ ދަތުރެއްގައި އުޅުނު އާގުބޯޓެއް، ހޫތީން އަތުލައިގެންފައިވާ ކަމަށް އިޒްރޭލުން ވެސް އިއްޔެ ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެ ބޯޓުގައި އިޒްރޭލުގެ އެއްވެސް މީހަކު ނެތް ކަމަށް އިޒްރޭލުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ކަނޑުދަތުރުގައި ބައިވެރިވާ އާގުބޯޓަކަށް، އީރާނުން ހަމަލާ ދީފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. ހޫތީންނަކީ އީރާންގެ މަދަދާ އެކު ޔަމަންގައި ހަނގުރާމަކުރާ ޖަމާއަތެކެވެ.
ނަތަންޔާހޫގެ އޮފީހުން ބުނެފައިވާ ގޮތުގައި ހޫތީން އަތުލައިގަތް އާގުބޯޓަކީ ބްރިޓިޝް ކުންފުންޏެއްގެ ބޯޓެކެވެ. އަދި އެ ބޯޓު މިހާރު ދުއްވަނީ ޖަޕާނުގެ ކުންފުންޏަކުން ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ. އެ ބޯޓުގައި 25 މީހުން އެބަތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، ޔޫކްރޭން، ބަލްގޭރިއާ، ފިލިޕީންސް އަދި މެކްސިކޯގެ ރައްޔިތުން އެކަނި ކަމަށް ވެސް ނަތަންޔާހޫގެ އޮފީހުން ބުނެ އެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 13000 އަށް ވުރެ މަތިވެފައިވާ އިރު، 6000 އަށް ވުރެ ގިނައީ ކުޑަކުދިންނެވެ. އަދި ޝަހީދުވި މީހުންގެ ތެރޭގައި 3500 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވެފައިވާ މީހުންގެ އަދަދު 30000 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ 75 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ކަމަށް ބެލެވެ އެވެ.