މިޔުޒިކް ފެސްޓިވަލަށް ހަމަލާ ދިނީ އިޒްރޭލު ސިފައިން
މިޔުޒިކް ފެސްޓިވަލަށް ހަމަލާ ދިނީ އިޒްރޭލު ސިފައިން

ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން، ޣައްޒާގެ ރަށްބޭރުގައި އޮތް ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި، އެ ސަރަހައްދުގައި އެ ވަގުތު ކުރިއަށް ދިޔަ މިޔުޒިކް ފެސްޓިވަލަށް ހަމަލާ ނުދޭ ކަން އިޒްރޭލު ފުލުހުންގެ ތަހުގީގުން ހާމަވެއްޖެ އެވެ.

ހަމާސްގެ ހަނގުރާމަވެރިން އެ ދުވަހުގެ ފަތިހުގެ ވަގުތުގައި ޣައްޒާގެ ރަށްބޭރު ސަރަހައްދަށް ހަމަލާ ދިން އިރު، ކިބޫތުޒް ރެއީމް ކިޔާ ޔަހޫދީ އާބާދީގެ ތެރޭގައި، 4000 އެއްހާ މީހުން ބައިވެރިވާ މިޔުޒިކް ފެސްޓިވަލެއް ކުރިއަށް ދިޔަ އެވެ. އިޒްރޭލު ސިފައިން ކުރިން ބުނެފައިވަނީ އެ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއަށް އަރައިގަނެ ދިން ހަމަލާތަކުގައި އެ މިޔުޒިކް ފެސްޓިވަލަށް ހަމަލާދީ 260 އަށް ވުރެ ގިނަ މީހުން މަރާލައި 40 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްގެން ގެންދިޔަ އެވެ.

ނަމަވެސް އެ ހާދިސާ ތަހުގީގުކުރި ފުލުހުންނާ ހަވާލާދީ އިޒްރޭލުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިޔުޒިކް ފެސްޓިވަލަށް ދިން ހަމަލާއާ ހަމާސްގެ ހަނގުރާމަވެރިންނާ އެއްވެސް ގުޅުމެއް ނެތެވެ. އެ ހަމަލާގެ ތެރޭގައި ޝަހީދުވި ހަނގުރާމަވެރިންނާއި ހައްޔަރު ކުރި ހަނގުރާމަވެރިންގެ އަތުން ފެނުނު ޗާޓުތަކާއި ތަހުގީގުގައި އެމީހުންނާ ކުރި ސުވާލުތަކުން އެނގުނީ، އެ ތަނުގައި މިޔުޒިކް ފެސްޓިވަލެއް ކުރިއަށް ދާކަން ހަމާސް އަށް ނޭނގޭ ކަމެވެ.

އެހެންކަމުން ހަމަލާ ދިނުމަށް ޗާޓުތަކުގައި ފާހަގަކޮށްފައި ހުރި ތަންތަނުގައި މިޔުޒިކް ފެސްޓިވަލް އޮތް ސަރަހައްދު ނުހިމެނޭ ކަމަށް އިޒްރޭލު ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަ ކުރެވިފަ އެވެ. އެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެގެން މިޔުޒިކް ފެސްޓިވަލެއް ކުރިއަށް ގެންދާކަން ހަމާސްގެ ހަނގުރާމަވެރިންނަށް އެނގުނީ، ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް އަރައިގަތުމާ ގުޅިގެން، އިޒްރޭލުގެ ފުލުހުން ގޮސް ފެސްޓިވަލުގައި ތިބި މީހުން އެ ސަރަހައްދުން ފޮނުވައިލުމުގެ މަސައްކަތް ފެށުމުންނެވެ.

ފެސްޓިވަލުގައި ތިބި މީހުން އެ ސަރަހައްދު ދޫކޮށް ދާން ފެށުމާއެކު، އެ ސަރަހައްދުގެ ވައިގެ ތެރޭގައި އެ ވަގުތު އުޅުނު އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރުތަކަށް ފެނުމާ އެކު، އެއީ ހަމާސްގެ ހަނގުރާމަވެރިން ކަމަށް ހީކޮށް އެމީހުންގެ ތެރެއަށް ރޮކެޓް ހަމަލާތަކެއް ދިނެވެ. އިޒްރޭލު ސިފައިންގެ އެ ހަމަލާތަކުގައި މަދުވެގެން 360 މީހުން މަރުވިކަން މިހާރު ވަނީ ތަހުގީގުން ކަށަވަރުވެފަ އެވެ.

ނަމަވެސް މިހާތަނަށް އިޒްރޭލު ސަރުކާރުން ބުނަމުން އަންނަނީ، މިޔުޒިކް ފެސްޓިވަލަށް ހަމަލާ ދިނީ ހަމާށްގެ ހަނގުރާމަވެރިން ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ހެއްކެއް އިޒްރޭލުން މިހާތަނަށް ދައްކާފައި ނުވާއިރު، އިޒްރޭލު ފުލުހުންގެ ތަހުގީގުން ސާބިތުވަނީ، އިޒްރޭލު ސަރުކާރުން ފެތުރީ ދޮގު މައުލޫމާތުތަކެއް ކަމެވެ.

ހަމާސް ޖަމާއަތުން ބުނި ގޮތުގައި މިޔުޒިކް ފެސްޓިވަލަށް ހަމަލާ ދިނީ ހަމާސްގެ ހަނގުރާމަވެރިން ކަމަށް އިޒްރޭލުން ބުނަމުން އަންނަނީ، ޣައްޒާ އަށް ހަމަލާ ދޭނެ ބަހަނާއެއްގެ ގޮތުގަ އެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 13000 އަށް ވުރެ މަތިވެފައިވާ އިރު، 6000 އަށް ވުރެ ގިނައީ ކުޑަކުދިންނެވެ.