އިންޑިއާއާ ދެކޮޅުވުން ދިވެހިންނަށް ރަނގަޅެއް ނުވާނެ: ނަޝީދު
އިންޑިއާއާ ދެކޮޅުވުން ދިވެހިންނަށް ރަނގަޅެއް ނުވާނެ: ނަޝީދު

އިންޑިއާ އާ ދެކޮޅަށް ނިންމުންތައް ނިންމުމަކީ ދިވެހިންނަށް ރަނގަޅު ގޮތެއް ނޫން ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް މި ސަރުކާރުން އެދިފައިވަނިކޮށް، ނަޝީދު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިންގެ އެންމެ ޒަމާންވީ އެކުވެރި އަވައްޓެރި ގައުމަކީ އިންޑިއާ ކަމަށާއި އެއީ ދިވެހިންނަށް އެންމެ އެހީތެރިވެދޭ ގައުމު ވެސް ކަމަށެވެ.

"އިންޑިއާ އާ އިދިކޮޅަށް ދިވެހިން ކަންކަން ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ،" އަބަދުވެސް އިންޑިއާއާ ގާތްގުޅުމެއް ބާއްވަވާ ނަޝީދު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކަޕްޓަރުތައް ބެލެހެއްޓުމަށް 75 ވަރަކަށް އިންޑިއާ ސިފައިން ބޭއްތިބުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުރަސް ނާޅުއްވާނެ ކަމަށް މީގެ ކުރިން ވެސް ނަޝީދު ވަނީ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.

"ދެތިން ސަތޭކަ މީހުން އައިސް ރާއްޖެ އަށް އުނދަގޫތަކެއް ކޮށްފާނެ. އެހެންކަމުން އިންޑިއާއާ އެކު ވަރުގަދަ ދިފާއީ ގުޅުމެއް ގާއިމްވެފައި އޮތުމަށް ވުރެ ރަނގަޅު ގޮތެއް ރާއްޖެ އަކަށް ނެތް،" ނަޝީދު އޭރު ވިދާޅުވި އެވެ.

ނަމަވެސް، އެއީ ރައީސާ މަޝްވަރާކޮށްފައި ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް ރައީސްގެ ތަރުޖަމާނު އޭރު ވިދާޅުވެފައިވެ އެވެ.