08 ފެބުރުއަރީ 2017 - 21:13

ޖިންސީ ކުށްތަކުގެ ޝިކާރައަކަށް ވާ ފަރާތްތަކަށް ލިބޭ ނަފްސާނީ ގެއްލުމަށް ފަރުވާ ހޯދަން އެ ފަރާތްތަކަށް ދައުލަތުން މާލީ އެހީ ދެވޭނީ އެންމެ ގިނަވެގެން ހަ މަހަށް ކަމަށް ކަނޑައަޅައި، އެކަމާ ބެހޭ އުސޫލަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
ޖިންސީ ކުށުގެ ގާނޫނު ބުނާގޮތުން އެ ގާނޫނުގައި ބުނާ ކުށްތަކުގެ ޝިކާރައަކަށް ވާ ފަރާތްތަކަށް ލިބޭ ނަފްސާނީ ގެއްލުމަށް ފަރުވާ ހޯދޭނެ އިންތިޒާމް ދައުލަތުން ޚަރަދުގައި ހަމަޖައްސައި ދޭންވާނެ އެވެ.
އެކަމާ ބެހޭގޮތުން މިއަދު އާންމުކޮށް، އަމަލުކުރަން ފެށި އުސޫލު ބުނާގޮތުން ނަފްސާނީ އެހީ ހޯދަން މާލީ އެހީ ދެވޭނީ ޖިންސީ ކުށުގެ ގާނޫނުގައި ބުނާ ކުށްތަކުގެ ތެރެއިން 17 ބާވަތެއްގެ ކުށުގެ ތެރެއިން ކުށެއްގައި އަނިޔާލިބޭ ފަރާތްތަކަށެވެ. އަދި އެފަދަ މީހަކަށް މާލީ އެހީ ހޯދަން އެދި އެ މީހާ އަމިއްލަ އަށް ނުވަތަ އެ މީހެއްގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިޔާ އަށް ވެސް ހުށަހެޅިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ.
އެ އުސޫލު ބުނާގޮތުން އެ އުސޫލުގެ ދަށުން ދެވޭ މާލީ އެހީ އެންމެ ގިނަވެގެން ދެވޭނީ ހަ މަސް ދުވަހަށެވެ. އަދި މާލީ އެހީ ލިބޭނީ އެކަމަށް އެދި ހުށަހެޅުމުން އެ މީހަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލައި، ޕޮއިންޓް ދިނުމަށް ފަހު މަދުވެގެން 65 ޕޮއިންޓް ލިބިއްޖެ ނަމަ ކަމަށް އެ އުސޫލުގައިވެ އެވެ.
މާލީ އެހީ ދޭން ޕޮއިންޓް ދިނުމުގައި، އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ ގެއްލުންތަކާއި އެ މީހާގެ ހާލަތު ހުރި ގޮތާއި އެ މީހާގެ މާލީ ހާލަތަށް ބަލަންޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ.
ދައުލަތުން މާލީ އެހީ ދިނަސް ނަފްސާނީ އެހީތެރިކަން ހޯދޭނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަނޑައަޅާ މަރުކަޒަކުން ކަމަށް އެ އުސޫލުގައި ބުނެއެވެ.