ހެކިވެރިންނަށް ބޮޑެތި ހިމާޔަތް ލިބިދޭ ހެކީގެ ބިލް މަޖިލީހަށް
ހެކިވެރިންނަށް ބޮޑެތި ހިމާޔަތް ލިބިދޭ ހެކީގެ ބިލް މަޖިލީހަށް

ޖިނާއީ ޝަރީއަތްތަކުގައި ހެކިބަސްދޭ މީހުންނަށް ބޮޑެތި ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެއްކާ ބެހޭ އާ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވަައިފި އެވެ.

ހެކިވެރިންނަށް ބޮޑެތި ހިމާޔަތް ލިބިދޭ ހެކީގެ ބިލް މަޖިލީހަށް
ހެކިވެރިންނަށް ބޮޑެތި ހިމާޔަތް ލިބިދޭ ހެކީގެ ބިލް މަޖިލީހަށް

އަލަށް އެކުލަވައިލި ބިލުގައި ހެކި ބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަން ކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި ހެކިބަސް ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި ހެކިންނާއި ސުވާލުކުރަންޖެހޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅާފައިވެ އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ޖިނާއީ މައްސަލައެއްގައި ހިންގާ ޝަރީއަތެއްގައި ހެކިބަސް ދޭ މީހަކީ ހިމާޔަތް ލިބެން ޖެހޭ މީހެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ގަބޫލުކުރެވޭ ނަމަ، އެ ހެކިބަސް ދޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ ކުރިން ނުވަތަ ހެކިބަހުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ދިނުމުގެ ކުރިން އޭނާ އަށް ހިމާޔަތް ދިނުމުގެ އަމުރަކަށް ކޯޓުގައި އެދެން ވާނެ އެވެ.

މީގެ އިތުރުން ހެކިބަސްދޭ މީހެއްގެ ނަފްސަށް، ނުވަތަ އާއިލާ އަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމަށް އޭނާ އަށް ގަބުލޫކުރެވޭ ނަމަ، ހިމާޔަތް ދިނުމަށް އެދި ޕީޖީގައި އެދުމުގެ ފުރުސަތު އެ މީހަކަށް ލިބިގެންވެ އެވެ.

ބިލުގައި ބުނެފައިވަނީ ހެކިބަސްދޭ މީހަކީ ހިމާޔަތް ލިބެން ޖެހޭ މީހެއް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ނަމަ، އޭނާއަށް ހިމާޔަތްދޭން ޖެހޭ މިންވަރު ދަރަޖަކޮށް، އޭނާ ހިމާޔަތް ކުރަން ފުލުހުންނާ ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ. އަދި އެ އަމުރުގައި ހިމާޔަތްކުރަންވީ ގޮތާއި މިންވަރާއި ދަރަޖަ ބަޔާން ކުރަން ޖެހެ އެވެ.

ހެކިބަސްދޭ މީހަކީ ހިމާޔަތް ލިބިގެންވާ މީހެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ، ޝަރީއަތުގެ މަޖިލީހުގައި އޭނާއާ ކުރާ އެއްވެސް ސުވާލެއް، ކުށުގެ ތުހުމަތުގައިވާ މީހާގެ ހާޒިރުގައި ނުވަތަ އޭނާ އަށް އެއީ ކާކުކަން އެނގިދާނެ ފަދަ ގޮތަކަށް ކުރުމުގެ ފުރުސަތު ފަނޑިޔާރު ދީގެންނުވާނެ ކަމަށް ބިލުގައިވެ އެވެ.

- ކާކުކަން ހާމަނުވާ ގޮތަށް އަޑު ބަދަލުކޮށް ހެކިބަސް ނެގުން

- ކާކުކަން ހާމަނުވާ ގޮތަށް މަންޒަރު ބަދަލުކޮށް ހެކިބަސް ނެގުން

- ޝަރީއަތް ފެށުމުގެ ކުރިން ހެކިބަސް ކޯޓަށް އިއްވުން

- ކާކުކަން ހާމަވާނެ ސުވާލަކަށް ޖަވާބުދޭން ނުޖެހޭނެ ކަމަށް ފަނޑިޔާރު ކަނޑައަޅަންޖެހޭ

ބިލުގައިވާ ގޮތުން ހިމާޔަތް ކުރެވޭ މީހަކީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ނަމަ، އޭނާ އާއި އޭނާގެ ބެލެނިވެރިންނަށް ވެސް ގާނޫނުގެ ދަށުން ހިމާޔަތް ދޭން ޖެހޭނެ އެވެ.

މީގެ އިތުރުން ބިލުގައި ބުނެފައިވަނީ ހެކިބަސްދޭ މީހާ އަށް ނުވަތަ އާއިލާ އަށް ނުވަތަ މުދަލަށް ގެއްލުން ދޭނެކަމުގެ އިންޒާރު އެއްވެސް ފަރާތަކުން ދީގެން އެކަން ހެކިބަސްދޭ މީހާ ފުލުހުންނަށް އަންގައިފި ނަމަ، އެކަމެއް ތަހުގީގުކޮށް އޭނާގެ ނަފްސަށް ނުވަތަ އާއިލާ އަށް ނުވަތަ މުދަލަށް ލިބިދާނެ ގެއްލުމަކުން ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އޭނާ ރައްކާތެރިކޮށްދޭން ވާނެ ކަމަށެވެ.

ހެކިބަސްދޭ މީހުން ކޯޓަށް ހާޒިރުވެ ހެކިބަސް ދޭނީ އެ މީހުންނަކީ ހެކިބަސް ދޭނެ މީހުންކަން ދައުވާކުރާ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން ފާހަގަކޮށް ކޯޓުގައި އެދެމުން ކަމާ ގުޅޭ ގޮތުން ކޯޓުން ކުރާ އަމުރެއްގެ ދަށުން އެ މީހަކު ކޯޓަށް ހާޒިރުކޮށްގެން ކަމަށް ބިލުގައިވެ އެވެ. ނަމަވެސް ކުޑަކުއްޖަކު ނަމަ، ހުވާކުރުމާ ނުލައި ޝަރީއަތަށް އެ ކުއްޖާގެ ހެކިބަސް ގަބޫލުކުރެވޭ އިރު، ހެކިބަސް ހޯދަން ވާނީ ލިޔުމަކުންނެވެ.

- ހެކިބަސް ދެނީ ތެދު ހަގީގަތަކަށް ދެނެގަތުމުގެ ގާބިލްކަން ހުރުން

- ބާލިޣުވެފައިވާ މީހަކު ކަމުގައިވުން

- ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން

- ދޮގު ހެކި ދިނުމުގެ އަމަލެއް ސާބިތުނުވާ މީހުން

- އަމިއްލަ އިހްތިޔާރުގައި ހެކިބަސް ދޭ މީހަކަށްވުން

- ދީނުގެ އަސްލެއް ކަނޑައަޅާފައިވާ ކަންކަމުގައި މުސްލިމަކަށްވާން ޖެހޭ

ބިލުގައި އޮތް ގޮތުން ޝަފަހީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ ހެކިބަސް ދޭ މީހާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ހުރެ، އޭނާގެ އަނގަބަހުން މަޖިލީހުގައި ދޭ ބަޔާނެވެ. ކިތާބީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ މައްސަލައިގެ ހިމެނޭ ފަރާތަކުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާ ވަކި ވާޤިއާއެއް ވުޖޫދުގައި އޮތްކަން ހެކިކޮށްދޭ ލިޔުމެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މާއްދީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ ފޮރެންސިކް ހެއްކާއި ވަކި މެޝިނަކުން ވަކި ގޮތަކަށް ނެރޭ ނަތީޖާ ނުވަތަ ލިޔުން ނުވަތަ ލޮގާއި ފިލްމާއި ޓޭޕާއި ފޮޓޯ ފަދަ އެއްޗެއްސާއި ސައިންޓިފިކް ދަލީލްތަކާއި ތަހުލީލުތަކުގެ ނަތީޖާ އާއި ކޯޓުގައި ހަދާ ނުވަތަ ދައްކާ ޑެމޮންސްޓްރޭޝަންތަކާއި އެކްސްޕެރިމެންޓްތަކާއި ގްރާފްތަކާއި ޗާޓުތަކެވެ.

މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގަކަށްވީ ހިނދު، އެ ހައްގު އެގޮތުގައި ކަށަވަރު ކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލުކަމުގައިވާ ހެކީގެ އުސޫލު ތަފްސީލްކޮށް ބަޔާންކޮށް ދިނުން ކަމަށެވެ.

މީގެ އިތުރުން ޝަރީއަތުގެ މަރުހަލާގެ އިތުރުން ކަމެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ހެކި ބަލައިގަތުމާއި ހެކި ވަޒަން ކުރުމުގެ ދައުރެއް އޮތް، ކަމާ ގުޅުން ހުރި މުއައްސަސާއަކުން ކޮންމެ މައްސަލައެއް ބެލުމުގައި ކަމާ ގުޅުން ހުރި ނިސްބަތަކުން މި ބިލުގެ އުސޫލުތަކަށް ތަބާވުން ލާޒިމްކޮށް، ހެއްކާ ގުޅޭ ގޮތުން އަމަލު ކުރެވޭ އުސޫލުތައް ހަރުދަނާކޮށް އެއްގޮތް ކުރުން ކަމަށް ވެސް ބިލުގައިވެ އެވެ.

ހެއްކާ ބެހޭ ބިލެއް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި އެ ބިލު މަޖިލިސް ދައުރު ހަމަވުމާއެކު ވަނީ ބާތިލްވެފަ އެވެ. އަލަށް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، އަންނަ ހަފްތާގައި މި ބިލުގެ ބަހުސް ފަށާނެ ކަމަށް ބެލެވެ އެވެ.