މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރާ މެންބަރުންގެ އަދަދު ފަހަކަށް ވެއްޓިއްޖެ
މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރާ މެންބަރުންގެ އަދަދު ފަހަކަށް ވެއްޓިއްޖެ

އާ ސަރުކާރު ކެބިނެޓަށް ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން އައްޔަން ކުރުމާއެކު މަޖިލީހުގައި އެ ދެ ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ފަހަކަށް މަދުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުން ހަ މެންބަރުން އިސްތިއުފާ ދެއްވި ކަމަށް ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ.

ޕީޕީއެމް އިން އިސްތިއުފާ ދެއްވީ މިހާރު ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އާއި ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން އެވެ.

މަޖިލީހުގައި ބާކީ ތިބި ޕީޕީއެމް މެންބަރުންނަކީ މެޖޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.

އޭގެ އިތުރުންފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވެސް ވަނީ ޕީޕީއެމް އާ ގުޅިވަޑައިގެންފަ އެވެ. ނަމަވެސް މަޖިލީހުގައި އެ ދެ މެންބަރުން ޕީޕީއެމްގެ ދަފްތަރުގައި އަދި ނުހިމަނަ އެވެ.

ޕީއެންސީން އިސްތިއުފާ ދެއްވީ ލޯކަލް ގަވަންސް މިނިސްޓްރީ އަށް އައްޔަން ކުރެއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އާއި އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

ޕީއެންސީގައި ބާކީ ހުންނަވާނީ ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އެކަންޏެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުގެ މަގާމަކަށް ފަޒުލް ވެސް އިސްތިއުފާ ދެއްވާނެ އެވެ.

މީގެ އިތުރުން އަސްލަމް ވަނީ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްތިއުފާ ދެއްވި ކަން ވެސް އިއުލާން ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީގަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މެންބަރުން ތިއްބެވީ އެމްޑީޕީން ވަކިވި މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސްގަ އެވެ.