09 ފެބުރުއަރީ 2017 - 06:18

"މުންނާބާއީ" ފްރެންޗައިސްގެ ފިލްމުތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އާދަޔާޚިލާފު މަޖާ ފިލްމު ތަކެކެވެ. ރާޖް ކުމާރު ހިރާނީގެ ކުޅަދާނަ ޑައިރެކްޝަންގެ ދަށުން އުފެއްދި މި ސިލްސިލާގެ ދެ ފިލްމު ކަމަށްވާ "މުންނާބާއީ އެމްބީބީއެސް" އާއި "ލަގޭ ރަހޯ މުންނާބާއީ" އަކީ ގިނަ ބައެއްގެ ހަނދާނުގައި އަދިވެސް ހަރުލާފައިވާ މޮޅު ފިލްމުތަކެކެވެ. އަދި ފިލްމުގެ ޑައިލޯގްތައް ވެސް އާދަޔާޚިލާފަށް މަޖަލެވެ.
އޭގެ ފަހުން "މުންނާބާއީ ޗަލޭ އެމެރިކާ" ކިޔާ ފިލްމެއްގެ މަސައްކަތް ހިރާނީ ކުރި އެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ ވަނީ އެ ފިލްމު ކުރިއަށް ނުގެންދަން ނިންމާފަ އެވެ. ސަބަބަކީ ފިލްމުގެ ދެ ވަނަ ބަޔާ ދޭތެރޭ އޭނާ ހިތްހަމަ ނުޖެހުމެވެ.
ނަމަވެސް ފިލްމުގައި ސަންޖޭ ދަތާ އެކު މުހިއްމު ރޯލެއް އަދާކުރި އަރްޝަދު ވާރްސީ މިއަދު ވެސް ހުރީ އެ ފިލްމު ވުޖޫދަށް އައުމުގެ އިންތިޒާރުގަ އެވެ. އޭނާ ބުނީ ހިރާނީ އެ ފިލްމު އުފެއްދުމަށް ފޫހި ވިޔަސް އެހެން މީހަކު އިސް ނަގައިގެން އެފިލްމު ނިންމަން އޭނާ ވަރަށް އެދޭ ކަމަށެވެ.
ނަމަވެސް "މުންނާބާއީ"ގެ ފޭނުންނަށް ދާދިފަހުން ރާޖްކުމާރު ހިރާނީ ވަނީ އުފާވެރި ޚަބަރެއް ދީފަ އެވެ. ރަންބީރު ކަޕޫރާއެކު ސަންޖޭ ދަތުގެ ބައޮޕިކްގެ ޝޫޓިންގްގައި އުޅެމުން ހިރާނީ ބުނީ "މުންނާބާއީ"ގެ ތިން ވަނަ ފިލްމުގެ ސްކްރިޕްޓެއް ލިޔުމުގެ މަސައްކަތް އަބީޖާތު ކުރަމުން އަންނަ ކަމަށެވެ. އަދި ސަންޖޭ ދަތުގެ ޝޫޓިން ނިމެންވާއިރަށް ސްކްރިޕްޓް ތައްޔާރުވެއްޖެ ނަމަ އެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އޭނާ ބުނީ އެ ސިލްސިލާގެ އިތުރު ފިލްމެއް ނުނެރެވިގެން އުޅެނީ ހިތްހަމަޖެހޭ ވަރުގެ ސްކްރިޕްޓެއް ނެތުމުން ކަމަށެވެ. ކުރީގެ ދެ ފިލްމަށް ވުރެ ފެންވަރު ދަށް އެއްޗެއް އުފައްދަން ބޭނުން ނުވާ ކަމަށާއި އުފައްދާ ނަމަ އެއަށް ވުރެ ރަނގަޅު ފިލްމެއް އުފައްދަން ބޭނުންވާ ކަމަށް ހިރާނީ ބުންޏެވެ.
"މުންނާބާއީ ޗަލީ އެމެރިކާ" އާ ބެހޭގޮތުން ޑައިރެކްޓަރު ބުނީ ފިލްމުގެ ދެ ވަނަ ހާފް ލިޔެވިފައި އޮތް ގޮތާ މެދު ހިތްހަމަނުޖެހިގެން ފިލްމުގެ މަސައްކަތް ހުއްޓުނީ ކަމަށެވެ.
"އަހަރެމެން ޓްރެއިލާއެއް ވެސް ޝޫޓްކުރިން. އަދި އެއީ ވަރަށް މަޖާ ސްކްރިޕްޓެއް. ނަމަވެސް ދެ ވަނަ ހާފު އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ގޮތަކަށް ތައްޔާރެއް ނުކުރެވުނު،" ހިރާނީ ބުންޏެވެ.
ހިރާނީ އަލަށް ފަށަން އުޅޭ "މުންނާ ބާއީ" ގައި ވެސް ސަންޖޭ ދަތާއި އަރްޝަދް ވާރްސީ އެމީހުން ކުރިން ކުޅުނު ބައިތަކުން ފެންނާނެކަމަށް އޭނާ ބުންޏެވެ. އެމީހުން ފެންނާނީ ތަންކޮޅެއް ދުވަސްވީ މީހުންގެ ގޮތުގައި ނަމަވެސް އެމީހުންގެ އެ ހުރި މަޖާކަން ހަމަ އެގޮތުގައި ބެހެއްޓޭތޯ އޭނާ ބަލާނެ އެވެ.