19 ނޮވެމްބަރ 2023 - 19:38

ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހިމެނިވަޑައިގަންނަވާ ގޮތަށް ހާއްސަ ކައުންސިލެއް ސަރުކާރުން އުފައްދައިފި އެވެ.

"ވިޒިޓާ އިކޮނޮމީ ކައުންސިލް" ގެ ނަމުގައި އެ ކައުންސިލް އުފައްދާފައި ވަނީ އާ ސަރުކާރުން މިއަދު ބޭއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ދާއިރާ ކަމަށްވާއިރު އެ ދާއިރާ ކުރިއަރުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، އެ ކައުންސިލަކީ އެކަމަށް ހާއްސަ ފޯކަސްއެއް ކުރުމަށް އުފައްދާފައިވާ ކައުންސިލެއް ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"މި ކައުންސިލުގެ މެންޑޭޓުގައި ހިމެނޭ އަނެއް ކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ޑައިވާސިފައި ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަން ކުރުން،" އޭނާ ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިއޮތީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލުމަށް އަންނަ މަންޒިލެއްގެ ގޮތުގައި ކަމުގައި ވިޔަސް ރައީސްގެ ވިސްނުންފުޅު ހުރީ ސިއްހަތާއި ތައުލީމާއި ދަތުރުފަތުރުގެ ޓޫރިޒަމް ފަދަ އެކި ދާއިރާތަކުން ޓޫރިޒަމް ކުރިއެރުވުން ކަމަށާއި އެ މަސައްކަތްތައް ވިޒިޓާ އެކޮނޮމިކް ކައުންސިލުން ކުރާނެ ކަމަށެވެ.
އެ ކައުންސިލުގެ އިތުރުން ވަޒީރުންގެ މަޖިލީހުން ވަނީ ސޯޝަލް ކައުންސިލާއި އިކޮނޮމިކް ކައުންސިލް ވެސް އުފައްދައިފަ އެވެ. އޭގެ ތެރެއިން ސޯޝަލް ކައުންސިލްގެ ޗެއާއަކަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ހަމަޖައްސަވާފައިވާއިރު އިކޮނޮމިކް ކައުންސިލްގެ އިސްވެރިއަކަށް ހަމަޖެއްސެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.