19 ނޮވެމްބަރ 2023 - 10:14

އާ ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން (ޕީއެސް) ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ އިއުލާނުކޮށްފި އެވެ.
އެ އިއުލާނުތަކުގައި ވަނީ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް ކުރިމަތިލާން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު މިދިޔަ ހުކުރު ދުވަހު އެކުލަވާލައި 22 މިނިސްޓްރީއެއް ވަނީ އުފައްދައިފަ އެވެ. މީގެ ކުރިން ހިންގި ބައެއް މިނިސްޓްރީތައް ދެބައިކުރުމަށް ފަހު، އަލަށް އުފައްދާފައިވަނީ ހަތަރު މިނިސްޓްރީއެކެވެ.
ޕީއެސްގެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާ އެކު ސަރުކާރު ނުވަތަ ޕަބްލިކް ނުވަތަ އަމިއްލަ ތަނެއް ހިންގުމުގައި މަދުވެގެން ހަ އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށް ސަރުކާރުގައި ނުވަތަ ޕަބްލިކް ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ހިންގުމުގައި މަދުވެގެން ހަތަރު އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމަކީ ވެސް ޕީއެސްއަކަށް ކުރިމަތިލުމުގެ ޝަރުތެކެވެ.
މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިވިލް ސާވެންޓުންގެ އިސްވެރިޔާ، ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް 2016 ވަނަ އަހަރުން ފެށިގެން އައްޔަން ކުރަމުން އަންނަނީ މިނިސްޓަރުންގެ ލަފައާ އެކުގަ އެވެ. ސިވިލް ސާވިސް ގާނޫނުގައި މީގެ ކުރިން އޮންނަނީ ޕީއެސް އައްޔަން ކުރުމުގެ ބާރު ހަމައެކަނި ސިވިލް ސާވިސް ކޮމިޝަނަށް ދީފަ އެވެ.
ޕީއެސްއެއްގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. އާއެކު، މަހެއްގެ މައްޗަށް 35،500ރ. ލިބެ އެވެ.