18 ނޮވެމްބަރ 2023 - 20:42

ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރެއްގައި އަލިފާން ރޯވެ، ހިޔާ ފްލެޓްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

މިރޭ ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއިން އަލިފާން ނިވާލައިފަ އެވެ. ސްޓެލްކޯއިން ބުނީ ރޯވެފައިވަނީ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި ކަމަށެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އެ ސަރަހައްދުގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެނގިފައިވާ ގޮތުގައި ހިޔާ ފްލެޓްގެ ހަތަރު ޓަވަރަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ.
މި ޓަވަރުތަކަށް އަލުން ކަރަންޓުގެ ހިދުމަތް ދެވޭނެ ވަގުތެއް ސްޓެލްކޯއިން ހާމައެއް ނުކުރެ އެވެ.