18 ނޮވެމްބަރ 2023 - 19:32

މާލޭގެ މަގެއްގެމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި، މަރާލި މައްސަލާގައި ދައުރު ވަމުންދާ ވީޑިއޯއަކީ އަސްލު ވީޑިއޯއެއް ނޫން ކަމަށް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
އެ ބުޅަލަށް އެ މީހާ އަނިޔާ ކުރިކަން އެނގުނީ ވަޅި ހަރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. އަދި ވަޅި ހެރުމުގެ ސަބަބުން އެ ބުޅާ ވަނީ މަރުވެފަ އެވެ.
އެ މައްސަލާގައި އޭނާ ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.
ބަންދު މުއްދަތުގެ މަޖިލީހުގައި އެ މައްސަލައާ ގުޅިގެން އޭނާ ވާހަކަ ނުދެއްކި ނަމަވެސް، އެ ވީޑީއޯއަކީ ކޮންމެ މީހަކަށް ވެސް އެޑިޓުކޮށްގެން ހެދިދާނެ އެއްޗެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ވެ އެވެ.
އޭނާގެ މައްޗަށް ކުރަނީ ޖަނަވާރަކަށް އަނިޔާވެރިވުމުގެ ތުހުމަތެވެ. އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ.
އާއްމުވި ވީޑިއޯ އިން ފެންނަނީ މަގުމަތިން ހިނގާފައި އައި ފިރިހެނަކު، އިމާރާތެއްގެ ކައިރީގައި އޮށޯވެލައިގެން އޮތް ބުޅަލެއްގެ ކައިރި އަށް ތިރިވުމަށްފަހު ކުއްލިއަކަށް އެ ބުޅަލުގެ ގަޔަށް ވަޅި ހަރާ މަންޒަރެވެ. އަދި ވަޅި ހެރުމާ އެކު އެ ބުޅާ ވަރަށް ބާރަށް އެތަނުން ދުއްވައިގަނެ އެވެ.
އެއީ ނަސަންދަރު ފުރަގަހުގައި، އަމީރު އަހްމަދު މަގުގައި ހުންނަ އިމާރާތެއްގެ ކުރިމަތީގައި އޮތް ބުޅަލެކެވެ.
އެ ބުޅަލަކީ ބަނޑު ބޮޑު ބުޅަލެއް ކަމަށްވެ އެވެ.
ގާނޫނުލް އުގޫބާތު ބުނާގޮތުން ޖަނަވާރުންނަށް އަނިޔާވެރިވުމަކީ ކުށެކެވެ. އަދި މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.