18 ނޮވެމްބަރ 2023 - 17:46

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު އެދިއްޖެ އެވެ.
ރައީސްކަމުގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު އެކަމަށް އެދިވަޑައިގަތީ އެމަނިކުފާނު ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު މިނިސްޓަ އޮފް އާތު ސައިންސަސް، ކިރެން ރިޖިޖޫއާ އެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދަން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހު އިންޑިއާ ސަރުކާރުގައި އެެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް ކަމަކީ ވެސް އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުމެވެ.
ރައީސް މުއިއްޒު ކެމްޕެއިންގައި ވިދާޅުވަމުން ގެންދެވީ އިންޑިއާގެ ސިފައިން ފޮނުވައިލާނީ ޑިޕްލޮމަސީގެ އުސޫލުތަކުގެ ތެރެއިން ވާހަކަ ދައްކައިގެން ކަމަށެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިންޑިއާގެ ސިފައިން ބޭލުމުގެ ވައުދާ އެކު ކަމަށް ވާއިރު، މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް އެ ވާހަކަތައް ގެންނެވި އެވެ.
"ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން. ގައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ގައުމަށް ވަފާތެރިވުމަށް ވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން،" އާ ރައީސް މުއިއްޒުގެ ފުރަތަމަ ތަގުރީރުގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ވެރިކަމުގައި އިންޑިއާ ވެސް އަދި އެހެން ހުރިހާ ގައުމުތަކަކާ ވެސް ގުޅިގެން މަސައްކަތް ކުރުމުގައި އިސްކުރައްވާނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށެވެ.