އާ ރައީސް ވިދާޅުވި ގޮތަށް ސަރުކާރުގެ އޮފީސްތަކުގައި ގައުމީ ދިދަ 24 ގަޑިއިރު ދެން ވިހުރޭނޭ
އާ ރައީސް ވިދާޅުވި ގޮތަށް ސަރުކާރުގެ އޮފީސްތަކުގައި ގައުމީ ދިދަ 24 ގަޑިއިރު ދެން ވިހުރޭނޭ

ސަރުކާރުގެ އޮފީސްތަކުގައި މިއަދުން ފެށިގެން 24 ގަޑިއިރު ވަންދެން ގައުމީ ދިދަ ނަގާފައި ބަހައްޓަން ރާއްޖޭގެ ރައީސްކަމާ އިއްޔެ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބު ކުރައްވައި އިއްޔެ ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބެހެއްޓުމާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދެއްކެވި ކަމަށެވެ.

މަގާމުގެ ހަވާލު ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް އާ ރައީސް ޑރ. މުއިއްޒު ނިންމެވި އެންމެ ފުރަތަމަ އެއް ނިންމެވުމަކީ ސަރުކާރުގެ އޮފީސްތަކުގެ ބޭރުގައި 24 ގަޑިއިރު ގައުމީ ދިދަ ނަގާފައި ބެހެއްޓުމެވެ.

މީގެ އަހަރުތަކެއް ކުރިން، ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ އިމާރާތުގެ ބޭރުގައި ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި ގައުމީ ދިދަ ނަގަ އެވެ. ހަމަ އެ ދުވަހުގެ ހަވީރު 6 ޖަހާއިރު ދިދަ ތިރިކުރެ އެވެ. އެކަމަކު، އެ ސަގާފަތް ވެސް އުވި ސަރުކާރުގެ އޮފީސްތަކުގައި ދިވެހި ގައުމީ ދިދަ ނެގުން އެއްކޮށް ހުއްޓާލާފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ސަގާފަތް އެންމެ ބޮޑަށް ދިރުވާފައި އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމާ ހަމައަށެވެ. އެކަމަކު، އޭގެ ފަހުން އައި ވެރިކަންތަކުން އެއީ އިސްކަންދިން ކަމެއް ނޫނެވެ.

ނަމަވެސް، މަގާމުގެ ހުވާކުރައްވަން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އާ ރައީސް ޑރ. މުއިއްޒު ވިިދާޅުވީ، ގައުމީ ދިދަ ދެކެ އެ މަނިކުފާނު އިންތިހާ އަށް ލޯބިފުޅުވާ ކަމަށާއި އެ ދިދަ އަށް އިރުއޮއްސުން ނިމުނީ ކަމަށެވެ.

"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން. ތިޔަ ދައްކައިދެނީ ގައުމު ދިފާއު ކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހާ އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން،" ރާއްޖޭގެ 8 ވަނަ ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ. މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ. މީގެ ފަހުން ތިޔަ ފަހުރުވެރި ދިދަ އަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާ އެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން."